އިންޑޮނޭޝިއާއަށް މިއަދު އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 38 އަށް އަރައި، ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި އައި ބާރުގަދަ ފުރަތަމަ ބިންހެލުމާ ގުޅިގެންނެވެ.
ޖާމަން ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އައި ދެވަނަ ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 158 ކިލޯމީޓަރު (98.18 މޭލު) އަޑިންނެވެ. މި ބިންހެލުމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސުމާތުރާގެ ވެރިރަށް މެޑާންގެ ދެކުނުއިރުމަތިން ގާތްގަނޑަކަށް 126 ކިލޯމީޓަރު ދުރުގައިވާ ޕެމަތަންގްސިއަންތާރް އަށެވެ.
މިއަދު ފަތިހު އެންމެ ފުރަތަމަ އައި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އެ ބިންހެލުމާ ގުޅިގެން އެ ގައުމުގެ ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ސުނާމީގެ އިންޒާރެއް ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު ކެންސަލްކޮށްފައެވެ. ދެވަނަ ބިންހެލުމާ ގުޅިގެން ވެސް ސުނާމީގެ އިންޒާރު ނެރުމަށްފަހު ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ބިންހެލުމުގެ ލޮޅުންތަކާއެކު އިމާރާތްތަކުގެ ބައިތައް ވެއްޓެމުންދިޔައިރު، އާންމުން ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ދުވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ގެއްލުން ލިބުނު ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭއިރު، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.



