ބޮލީވުޑްގެ މިހާރު އަރަމުން އަންނަ ތަރި ކާރްތިކް އާރްޔަން އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ބައެއް ވާހަކަތައް ހިއްސާ ކޮށްފިއެވެ.
ތަފާތު އެކި ފިލްމުތައް ކުޅެފައިވާ ކާރްތިކް އަކީ ބޮޑު ފޭންބޭސްއެއް މިހާރު އޮންނަ އެއް ތަރިއެވެ. އެކި ފިލްމުގައި ތަފާތު އެކި ރޯލުތައް ކުޅެ އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މަގުބޫލުކަން އިންތިހާއަށް ހޯދާފައެވެ.
ނަމަވެސް އޭނާ ކުޅުނު ހުރިހާ ފިލްމަކީ ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފިލްމުތަކެއް ނޫނެވެ. ގިނަ ފިލްމުތައް ފްލޮޕްވުމުގެ ސަބަބުން އޭގެ އަސަރު މާލީ ގޮތުން ކުރީ ހަމައެކަނި އެފިލްމުތައް އުފެއްދި ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ފިލްމުތައް ނާކާމިޔާބުވުމުގެ ސަބަބުން މާލީ ގޮތުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށް ޚުދު ކާރްތިކް އާރްޔަން ވެސް ވަނީ ބުނެފައެވެ.
އެގޮތުން އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމު ”ބޫލް ބުލައިއްޔާ 3“ ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކާރްތިކް ބުނީ އެދުވަސްކޮޅު އޭނާ އަތުން ވަރަށް ބޮޑަށް ފައިސާ މަދުވި ކަމަށާއި އޭނާ ކުއްޔަށް ހިފާފައި ހުރި ގޭގެ ކުލި ދައްކަން ވެސް ދަތިވި ކަމަށެވެ.
އެގޮތުން ކާރްތިކް ބުނީ އެގެއަށް ބަދަލުވީއިރު ވެސް އޭނާ އަތުގައި އެހާގިނަ ފައިސާއެއް ނެތް ކަމަށެވެ. އެއިރު ”ޕިޔާރް ކާ ޕަންޗްނާމާ“ ކުޅެން ފުރުސަތު ލިބުނު ނަމަވެސް އެ ފިލްމު ފްލޮޕްވުމުން އެހާ ގިނަ ފައިސާއެއް ނުލިބޭ ކަމަށާއި އޭގެ ފަހުން ”އާކާޝް ވާނީ“ އަދި ”ކާންޗީ“ ވެސް ފްލޮޕްވުމުން އޭނާގެ ފިލްމީ ކެރިއަރު ނިމުމަކަށް އަންނަނީކަމުގެ އިހުސާސް ކުރެވުނު ކަމަށް ވެސް ބުންޏެވެ. އެހެންކަމުން ”ބޫލް ބުލައިއްޔާ 3“ އަަށް ކުރެވޭ އުންމީދު ބޮޑު ކަމަށް ވެސް ކާރްތިކް ބުންޏެވެ.
ކާރްތިކްއާއެކު މިފިލްމުގައި ހަރަކާތްތެރިވަނީ ”ބޫލް ބުލައިއްޔާ 1“ ގައި ލީޑް ކުޅެފައިވާ ވިދްޔާ ބާލަން އެވެ. އޭގެ އިތުރުން މަޝްހޫރު އެކްޓްރެސް މަދޫރީ ދިކްސިޓް ވެސް މިފިލްމުގައި ހަރަކާތްތެރިވެފައި ވެއެވެ.



