ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްގެން ފިޒިއޯ ކްލިނިކުން އެ ކްލިނިކުގެ ދަރިވަރުންނަށް ”ސްޕޯޓްސް ޑޭ“ އެއް ބާއްވައިފިއެވެ.
އެކުވެނި ޓްރެކުގައި މިއަދު ހެނދުނު ބޭއްވި މިހަރަކާތުގައި އެކި އުމުރު ފުރައިން ޖުމްލަ 250 ކުދިން ބައިވެރިވެފައިވެއެވެ. އަދި ”ރަނިންގް ރޭސް“ އާއި ”ބޯލް ތްރޮވިންސް“ އަދި ”ލެމޮން އޮން އަ ސްޕޫން ރޭސް“ ހިމެނޭހެން ދިހަ ހަރަކާތެއް ހިމަނާފައިވެއެވެ.

މިފަދަ ހަރަކާތެއް އިންތިޒާމުކޮށް ބޭއްވުމުގެ އެންމެ މައިގަނޑު އެއް މަޤްސަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކުޅިވަރުތަކުގައި ބައިވެރިވެވޭނެކަން ދެއްކުން ކަމުގައި ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އެ ކްލިނިކްގެ މެނޭޖިންގް ޑިރެކްޓަރ ޝަބްނަމް މުޖުތަބާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ދައްކުވައި ދޭން ބޭނުންވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރިވެވިދާނެކަން. ކުޅިވަރުތައް ކުޅެވޭނެކަން. ޚާއްސަ އެހީއަށް ބޭނުންވުމަކީ ކުޅިވަރުތައް ނުކުޅެވޭނެ ކަމަށް ދެކި ބާކީ ކޮށްލަންވީ ސަބަބެއް ނޫންކަން. އަދި މީގެއިތުރުން ޚާއްސަ އެހީއަށް ބޭނުންވުމަކީ މުޅި ދުނިޔެއަށް އެކުދިން ފޮރުވަންވީ ސަބަބެއް ވެސް ނޫންކަން“ ޝަބްނަމް ވިދާޅުވިއެވެ.

ޝަބްނަމް ވިދާޅުވީ މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް އެކްލިނިކުން ކުރިއަށް ގެންދާނެ ކަމަށެވެ.
މިހަރަކާތާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ބައެއް ބެލެނިވެރިން ގާތު ސުވާލު ކުރުމުން ބެލެނިވެރިން ބުނީ މިއީ ވަރަށް ވެސް ރަނގަޅު އަދި އެމީހުންގެ ދަރިންނަށް ވަރަށް ފައިދާ ކުރާނެ ހަރަކާތެއް ކަމަށާއި މިފަދަ ހަރަކާތްތައް ސްކޫލުތަކުން ވެސް އިންތިޒާމު ކުރަން ފެންނަ ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމުގެ ގޮތުން ހަތަރު ވައްތަރެއްގެ ތެރަޕީ ދޭ ފިޒިއޯ ކްލިނިކްއިން މި ހަރަކާތް ބާއްވާފައިވަނީ އެކްލިނިކަށް 9 އަހަރު ފުރުމާ ވެސް ގުޅިގެންނެވެ. ފިޒިއޯ ކްލިނިކް އެންމެ ފުރަތަމަ އުފައްދާ ޚިދުމަތް ދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ.



