ރާއްޖޭގެ ބޯޑަރުތަކުގެ ސިއްހީ ގާބިލުކަން އިތުރުކުރުމަށް ޖަޕާން ސަރުކާރާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަން، (އައިއޯއެމް) ގުޅިގެން އައްޑޫ ގަން އެއާޕޯޓަށް ސިއްޙީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.
ގަން އެއާޕޯޓްގެ ވިއައިޕީ ލައުންޖްގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ގަން އެއާޕޯޓްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ގަން އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ ޗެއާމަން އަހުމަދު އަޒާން އާއި އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
ޖަޕާނު ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޫޗީ މިޑޯރީއެވެ.
ޖަޕާން ސަރުކާރާއި އައިއޯއެމް އާއި ގުޅިގެން ގަން އެއާޕޯޓަށް ހަދިޔާކޮށްފައިވާ ސިއްހީ އާލާތްތަކުގެ ތެރޭގައި ޑިޖިޓަލް ފުލް ބޮޑީ ސްކޭނަރާއި ފުލީ އިކުއިޕްޑް އެމްބިއުލާންސާއު، ޕޯޓް ހެލްތުގައި ބޭނުންކުރުމަށް ވެހިކަލްތަކާއި، މެޑިކަލް އެހެން ބައެއް އިކުއިޕްމަންޓްތައް ހިމެނޭއިރު، މިއަލާތަތްތަކުގެ ސަބަބުން، ރާއްޖެ އެތެރެވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީވެދޭނެއެވެ.
މި މިޕްރޮޖެކްޓަށް 8.4 މިލިއަން ޑޮލަރު އަރާއިރު، މި ޕްރޮޖެކްޓްގެ ދަށުން ގަން އެއާޕޯޓާއި ތަކެތި ހަވާލުކުރުމުގެ ކުރިން ހުސްވި އޮކްޓޯބަރު މަހުގެ 30 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ވެސް ތަކެތި ހަވާލުކޮށްފައިވެއެވެ.



