މާލެ ސަރަހައްދުގައި މަގުމަތީ އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ބިނާކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ ”އޮޅުހިޔާ“ ޕެޓް ކެއާ ފެސިލިޓީ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިފެސިލިޓީން އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުންފަދަ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެ، އާއްމު އުނދަގުލަކަށް އެކަންވުމުން ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވި ކެމްޕޭނުގައި، މި މައްސަލަ ޙައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މޭޔަރުގެ މަގާމުގައި ހުންނެވިއިރު އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ސަރަހައްދެއް ހާއްސަކުރެވޭތޯ މަސައްކަތް ކުރައްވާފައެވެ. އަދި އެއިރު އެމަސައްކަތް ކާމިޔާބު ނުވި ކަމުގައިވީ ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައި ގަތުމަށްފަހު، އެމަނިކުފާނު ވަނީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ހިމަނުއްވާފައެވެ.
އެއަށްފަހު، މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ޙައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ޕެޓް ކެއަރ ފެސިލިޓީ ބިނާކުރުން ހިމަނުއްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ވެސް ހަމަޖައްސަވާފައެވެ.
މިއަދު މިފެސިލިޓީ ހުޅުވާފައިވާއިރު، މީގެ ސަބަބުން، ރަށުތެރެއާ މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، ބުޅާ ބެލެހެއްޓުންވެސް އޯގާތެރިކަމާ އަޅައިލުމާއެކު އިންތިޒާމު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.



