އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒު ސާފުކޮށް ރީތިކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި އެވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އެގޮތުން، ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ދިޔަ މިހަރަކާތުގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ކުލަލައި، ގަސްބުރުތައް ސާފުކޮށް ރީތިކުރުމުގެ މަސައްކަތާއި، މުންނާރު ސާފުކުރުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އިސްލާމީ މަރުކަޒުގެ ބަގީޗާތައް ރީތިކުރުމަށް ވުޒާރާގެ މުވައްޒަފުން ގަސް ހޯދާފައިވާއިރު، ހެޔޮ އެދޭ އެކި ފަރާތްތަކުންވެސް ވަނީ މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
މިމަހުގެ 11 ވަނަ ދުވަހު އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭއިރު، މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެވުޒާރާއިން އަންނަނީ އެކި ކަންކަން ރާވަމުންނެވެ.
އިސްލާމީ މަރުކަޒަކީ އިސްލާމީ އެކި ޤައުމުތަކުގެ އެހީތެރިކަމާއިއެކު ތަރައްގީކޮށްފައިވާ މަރުކަޒެކެވެ. 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ގައި މަރުކަޒު ހުޅުވާލައިފައިވާއިރު، މިއިމާރާތް ބިނާ ކުރުމުގެ މަސައްކަތް އެއިރު ސަރުކާރުން ކޮށްފައިވަނީ މެލޭޝިއާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އަދި މަރުކަޒުގެ މައިގަނޑު މަސައްކަތްތައް ކޮށްފައި ވަނީ ހަތަރު ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
އިސްލާމީ މަރުކަޒުގެ ނަމޫނާ ތައްޔާރުކޮށް ކޮންސަލްޓިން އާރކިޓެކްޓެއްގެ މަސައްކަތް މެލޭޝިޔާގެ ޓުއާން ޙާޖީ ޙާޖީދާރު ބިން ޙާޖީ ޢަބްދުލްމަޖީދު ކޮށްފައިވާއިރު، އޭނާ ވަނީ މިމަސައްކަތުގެ އަގުން ބައެއް ދިވެހި ސަރުކާރަށް ހަދިޔާކުރައްވައިފައެވެ.
އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަސައްކަތް ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ، ވަނީ އެ ކަމަށް ކަނޑައެޅުއްވި ޚާއްސަ ޓީމެއް ކަނޑައަޅުއްވާފައެވެ.
އިސްލާމީ މަރުކަޒުގައިވާ މިސްކިތުގައި ހަރުކޮށްފައިވާ ލަކުޑި ދޮރުތަކާއި، ދޮރުފަތްތައް ޖެހުމާއި، އެ ނޫންވެސް ވަޑާމުގެ މުހިންމު މަސައްކަތްތަކާއި، ފުރާޅު ހިޔާކުރުމުގެ މަސައްކަތަކީ ދިވެހީން ކޮށްފައިވާ މަސައްކަތެކެވެ. މީގެއިތުރުން، މިސްކިތުގެ އެތެރެ ޒީނަތްތެރިކުރުމަށް ޓަކައި ކުރެހުންތަކާއި ލިޔުންތައް ކަނޑައިނަގައި، ކީހައި، ތަތްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ފަންނާނުންގެ ބަޔެކެވެ.
މިސްކިތުގައި ހަރުކޮށްފައިވާ ލިޔުންތަކުގެ އަޞްލުތައް ލިޔުއްވައިފައި ވަނީ ވެސް ރާއްޖޭގެ ލިޔުންތެރީންނެވެ. އަދި މިސްކިތުގެ ނަމާއި މިޙްރާބުގައިވާ ލިޔުންތައް ލިޔުއްވައިފައި ވަނީ ވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.




