މިސަރުކާރުން 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ’ބަޖެޓު 2025‘ އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަޖެޓު 2025 އަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ހަރަދު ބޮޑު އަދި ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.
މި ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ބައެއް ސަބަބުތައް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމަކަށް ނޫން ކަމަށާއި އެފައިސާ ގެއްލި ދަނީ އިސްރާފަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ކޮވިޑް-19 އަށް ފަހު ބޭނުންވާ އިޤްތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައި ނުވާ ކަމަށެވެ.
މީގެއިތުރުން، ފައްޔާޒު ވިދާޅުވީ މި ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް ކަމަށެވެ. އެގޮތުން މިބަޖެޓު ފޫބެއްދުމަށްޓަކައި 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަންޏެއް ހޯދަންޖެހޭކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މިހާރު ވެސް ސަރުކާރުން ދަނީ ފައިސާ ހޯދުމަށް ފެއިލް ވަމުން ކަމަށާއި، މިފައިސާ ހޯދުމުގެ ރަނގަޅު ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން ކަމަށެވެ. މިއީ ކަންބޮޑުވާ ފައިނޭންސިން ސްޓްރެޓެޖީއެއް ކަމަށާއި މިހާރުވެސް ފައިސާ ނުހޯދިގެން އުޅޭއިރު، ކޮމާޝަލް ބޭންކްތަކުން ދޭނެކަމަށް ނިންމީ ކިހިނެއްތޯ ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
ހަމައެއާއިއެކު، ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ބޭރުން ނުހޯދިގެން އުޅޭކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. މީގެއިތުރުން، ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައިވާ ކަމަށާއި، މި ބަޖެޓުން މިހީނަރުކަން ފިލުވައިދޭނެ ހައްލެ ނުފެންނަކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ވެސް ބޮޑު ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ ކަމަށާއި މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓަރު އިތުރަށް ހީނަރު ކުރާނެ ތަންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ހަމައެއާއިއެކު، މިބަޖެޓަކީ، ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒުކުރާނެ ކަމަށާއި، ދައުރުގެ ކުރީކޮޅުގައި ރައީސް މުޢިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހައި، ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެގޮތަށް ކަންތައް ކުރައްވާފައި ވަނީ ރައްޔިތުންނަށް ބާރު ނުދީ، ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރަން ވެގެން ކަމަށެވެ.
މީގެ އިތުރުން، ފައްޔާޒު ވަނީ ބަޖެޓުގެ މުހިއްމު ތަފްސީލުތައް ނުހިމަނައި ފޮރުވާފައިވާ ކަމުގެ ތުހުމަތު ވެސް ސަރުކާރުގެ މައްޗަށް ކޮށްފައެވެ. އެގޮތުން، މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫޢުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނުވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުންވެސް ފެނިގެންދާ ކަމަށެވެ.
ހަމައެއާއިއެކު. މިފަދައިން މަޝްރޫޢުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް މިސަރުކާރުގެ ނެތް ކަމަށާއި ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް ކަމަށެވެ. މީގެއިތުރުން، ރައީސް މުޢިއްޒު ވީ ބޮޑެތި ވަޢުދުތައް ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނަން ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ފައްޔާޒު އިތުރަށް ވިދާޅުވީ މި ބަޖެޓަކީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވަޢުދާ ޚިލާފުވި ބަޖެޓެއް ކަމަށާއި، ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް ކަމަށާއި، މި ބަޖެޓުން މި ފެންނަނީ އިޤްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން ކަމަށެވެ.




