ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމަސްއިން ބުނެފައިވެއެވެ.
އެޝިޕްމެންޓު ބަލައި ފާސް ކުރުމަށްފަހު ކަސްޓަމްސްއިން ވަނީ ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މީގެއިތުރުން، މިތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރުމުން މަސްތުވާތަކެތީގެ ތަފާތު ދެ ބާވަތެއް ކަމަށްވާ ކެތިނޯން 416 ގްރާމް އަދި ކެނެބިސް 5520 ގްރާމަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 3.3 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއިއެކު މައްސަލައިގައި ޝާމިލްވާ 45 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.




