ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަކީ ރައީސް މުއިއްޒުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
އެގޮތުން، 160 އަށް ވުރެއް ގިނަ ކައުންސިލްތަކާއި ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސަކީ ވެސް ރައީސް މުއިއްޒުކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 120 އަށް ވުރެއް ގިނަ ކައުންސިލް އިމާރާތް އަޅާނެ ކަމަށެވެ.
މީގެއިތުރުން، ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އަންނަ އަހަރުވެސް ގާނޫނާއި އެއްގޮތަށް ކައުންސިލަށް ބަޖެޓު ލިބޭނެ ކަމަށް ރައީސް ޑރ މުޢިއްޒު މިއަދު ވިދާޅުވެފައިވާކަން ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
”ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް. 2025 ވަނަ އަހަރު ވެސް ގާނޫނާ އެއްގޮތަށް ކައުންސިލަށް ބަޖެޓު ލިބޭނެ ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެދެއްވާފައި،“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު މިހެން ވިދާޅުވެފައި ވަނީ އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން 1.4 ބިލިއަން ރުފިޔާ ހިމަނާފައިވުމުން މިކަމާ ބައެއް ކައުންސިލުތަކުގެ މޭޔަރުން ކަންބޮޑުވުން ފާޅުކުރި ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްވެގެންދާއިރު ގާނޫނުން ލާޒިމު ކުރާ އަދަދަށް ކައުންސިލްތަކަށް ބަޖެޓު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.



