ކޮންމެ އަހަރެއްގެ ވެސް ”ނަޞްރުގެ ދުވަސް“ އަޅުގަނޑުމެން ދިވެހީން ފާހަގަ ކުރަނީ ތަމަޅަޓައިގަރުން ބަޑި ހިފައިގެން ރާއްޖެ ހިފަން އަރައި، އެތައް ދިވެހީންނެއް ޝަހީދުކޮށް ރާއްޖެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އުދުވާނީ ހަމަލާއިން ނަޞްރު ލިބުނު ދުވަހެއްގެ ގޮތުގައެވެ.
އެދުވަހުގެ ވާހަކަ ދެކެވޭއިރު އެންމެ ގިނައިން ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިކަމާއެކު ފާހަގަ ކުރާ އެއްނަމަކީ އެދުވަހު އެންމެ ބޮޑު ހިތްވަރެއް ދެއްކި ޝަހީދު ޙުސެއިން އާދަމްގެ ވާހަކައެވެ. އުމުރުން އެންމެ 19 އަހަރުގައި، ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ފަހު ނޭވާއާ ޖެހެންދެން ހަނގުރާމަކުރި ޝަހީދު ޙުސެއިން އާދަމްއަކީ ދިވެހިން އަބަދުވެސް އެނަން ހަނދާން ކުރާނެ ބަޠަލެކެވެ.
ނަމަވެސް އެހެން މީހުންނަށްވުރެ ބޮޑަށް ޝަހީދު ޙުސެއިން އާދަމްގެ މަތިން ހަނދާން ކުރާ އެކަކީ، އޭނާގެ އެންމެ ގާތް އެކުވެރިޔާ ޢަލީ އިސްމާއިލް އެވެ. ސިފައިންގޭގައި މިދެބޭފުޅުން އެއިރު މަސައްކަތް ކުރީ އެކުއެކީގައެވެ. ކައިބޮއެ އުޅުނީ އެކުއެކީގައެވެ. ކުރުގޮތަކަށް ބުނަންޏާ ދެމީހުންގެ މެދުގައި އެއްވެސް ސިއްރެއް، އެކަކު އަނެކަކަށް ނޭނގޭ ކަމެއް ނޯވެއެވެ. ދެބޭފުޅުން ވެސް އެކަކު އަނެކަކަށް އެހާމެ އަޅާލައެވެ.

މި ދެ ބޭފުޅުންގެ ގާތް ރަހުމަތްތެރިކަމަށް ނިމުމެއް އައީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ތަމަޅަޓައިގަރުން ރާއްޖެއަށް ދިން އެ ރަހުމު ކުޑަ ހަމަލާގެ ސަބަބުންނެވެ. އެދުވަހަށްފަހު ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ވެގެން ގޮސްފައިވަނީ އަލީ އިސްމާއިލްގެ ލޮލުން ހިތާމައިގެ ކޯރެއް ފަދައިން ކަރުނަ ފައިބާ ދުވަހަކަށެވެ. އޭނާ ބުނި ގޮތުގައި ޝަހީދު ޙުސެއިން އާދަމް މަތިން އޭނާ ހަނދުމަ ނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. އަދި ކޮންމެ އަހަރެއްގެ ނޮވްމެބަރު މަހުގެ 3 ވެގެންދަނީ އޭނާގެ ހިތްދަތިކަން އިންތިހާއަށް ބޮޑުވާ ދުވަހަކަށެވެ.
އެތައް އަހަރަކަށްފަހު އަލީ އިސްމާއިލް މިއަދު މިވަނީ އޭނާގެ އެ ހިތާމަތަކުން މިންވަރެއް ހިއްސާ ކޮށްފައެވެ.
އެގޮތުން ”ސައުވީސް“ އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އަލީ އިސްމާއިލް ބުނީ ޝަހީދު ހުސެއިން އާދަމް ނެތްކަމަށް އަދިވެސް އޭނާއަށް ހަގީގަތުގައި ޤަބޫލު ނުކުރެވޭ ކަމަށެވެ.
”އަހަންނާ އޭނާއާ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަކީ ގާތް އެކުވެރިކަމަށް ވުރެ ބޮޑަށް އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން. އެހާވެސް ގާތްވާނެ. އަހަންނާ ދެމީހުން އެކުއެކީގަ ޑިއުޓީއަށް ވެސް ގިނަ ފަހަރަށް ދާނީ. އަދި އޭނާގެ އޮފް ދުވަސް ތަކުގައި ވެސް ބުނާނެ އަހަރެން ކައިރީ އެދުވަހު އަހަރެން އޮފް ދުވަސް ކަމުގައި ނަގާށޭ، ބުނެފަ އޭނާ އަހަރެންގެ ޑިއުޓީ ވެސް ނަގާދޭނެ“ ޢަލީ އިސްމާއިލް އޭނާއާއި ޝަހީދު ޙުސެއިން އާދަމްގެ އެކުވެރިކަމުގެ ވާހަކަ ފަށަމުން ފުރަތަމަވެސް ބުންޏެވެ.
ޢަލީ އިސްމާއިލް ބުނިގޮތުގައި ޝަހީދު ޙުސެއިން އާދަމް އެރޭ (2 ނޮވެމްބަރު 1988) ވަނަ ދުވަހުގެ ރޭ ޑިއުޓީއަށް ދިޔައިރުވެސް އެންމެ ފަހުން އުޅުނީ އޭނާއާ އެކީގައެވެ.
”ދެމީހުން އެކީގަ އުޅުނީ އެރޭ. ހުޅުލޭގައި އުޅެފަ މާލެ ބަދަލުވި ބަދަލުވި ހަފްތާގައި (ބުރާސްފަތި ދުވަހުގެ ރޭ) އެއީ. ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރީ. ޙުސެއިން އާދަމްގެ އެންމެ ފަހުވަގުތުގައި ވެސް އަހަންނާ އެކީގައި އެއްތަށިމަތިން ކައިގެން ދިޔައީ 11:30 ހާއިރު ޑިއުޓީއަށް. މިއަދު މިހާތަނާ ހަމައަށް ވެސް އަހަންނަށް ޤަބޫލެއް ނުކުރެވޭ އޭނާ މިދުނިޔޭގައި މިހާރު ނެތްކަމަކަށް. އަހަރެންގެ ހިތައް އެ އިހުސާސެއް ނުކުރެވޭ. ހަގީގަތަށް ބުނާ ކަމުގައިވަންޏާ އޭނާގެ ފޮޓޯއެއް ފެނުނަސް، އަދި ދުރުން މީހަކު އޭނަގެ ފޮޓޯއެއް ދައްކާލިޔަސް އަހަރެން ފެންކަޅިވޭ، އަސަރުތައް ކުރޭ“ ނުހަނު ފުން އަސަރާއެކު ޢަލީ އިސްމާއިލް ކިޔައިދިނެވެ.
”އެދުވަސް އަދިވެސް ސިފަކުރެވެނީ ގައިގެ އެއްފަޅި، ނުވަތަ އެއް އަތް ނެތުން ކަހަލަ އިހުސާސެއް ކުރެވުނު ދުވަހެއްގެ ގޮތުގައި. އެދުވަހު ވެސް ހަމަލޮލަށް ފެނުމުގެ ކުރިން އޭނާ ދުނިޔެއިން ވަކިވެއްޖެ ކަމަށް ޤަބޫލެއް ނުކުރެވުނު“ އަސަރާއިއެކު އަލީ އިސްމާއިލް ކިޔައިދިނެވެ.

ޢަލީ އިސްމާއިލް ކިޔައިދިން ގޮތުގައި އެރެއަކީ އޭނާގެ އޮފް ޑިއުޓީ ރެއެކެވެ. އަދި ޝަހީދު ޙުސެއިން އާދަމްގެ ޑިއުޓީ ރެއެވެ. ޑިއުޓީއަށް ދިޔުމުގެ ކުރިން ދެމީހުން ދިމާވީވެސް އެހެންވެ ކަމަށް ޢަލީ އިސްމާއިލް ބުންޏެވެ. ހޮޓަލަށް ގޮސް ކައިގެން، އެކީގައި ހީސަމާސާކޮށް، ސަކަރާތް ޖަހާފައި، ޑިއުޓީ ގަޑި ޖެހެންދެން ދެމީހުން އެއްކޮށް އުޅުމަށްފަހު، ދަމުން އެންމެ ފަހު ބަހަކަށް ބުނެލީ ”މާދަން ވެސް އަންނަން ވާނެ ދޯ އޭ“ ކަމަށް ޢަލީ އިސްމާއިލް ބުންޏެވެ.
އެ ނާމާން ބިރުވެރި ހާދިސާ ހިނގި ރެއަކީ ޢަލީ އިސްމާއިލް ޑިއުޓީގައި ނެތް ރެޔެއް ކަމުގައި ވިޔަސް އޭނާ އަނެއް ދުވަހުގެ ފަތިހު ގެއިން ބޭރަށް ނިކުތެވެ. ޤައުމު އެފަދަ ނާމާންހާލަތެއްގައި އޮއްވާ، އަދި ޚާއްސަކޮށް އެންމެ ގާތް (އެއްބަނޑު އެއްބަފާ މީހެއް ފަދަ މީހަކު ނުރައްކަލެއްގެ ތެރޭގައި ހުރިކަން އެނގޭތީ) އޭނާވެސް ގެއިން ބޭރަށް ނިކުތެވެ. ނަމަވެސް އޭނާއަށް ނިކުމެވުނީ ބަޑި ހިފައިގެން ހުރި ތަމަޅަ ޓައިގަރުންގެ މީހެއްގެ ކުރިމައްޗަށެވެ. އެމީހާ އޭނާ ބިންމައްޗަށް ވައްޓާ ބަންޑުން ބާއްވާފައި ދެއަތް ފުރަގަހަށް ބަނދެލި ކަމުގައި ޢަލީ އިސްމާއިލް ބުންޏެވެ. އަދި ބޮލުގައި ބަޑި ޖެއްސި ކަމަށް ވެސް ބުންޏެވެ. އޭނާގެ ނަސީބަކަށްވީ އެވަގުތު އޭނާ ސިފައިންގެ ޔުނީފޯމުގައި ނެތްކަމެވެ. އެހެންކަމުން އެވަގުތު އެމީހުން އޭނާ ދޫކޮށްލިއެވެ.
”ސިފައިންގެއިން އާދަމް ޒާހިރު ވާހަކަ ދައްކާފަ ވިދާޅުވީ ތިމަންނަ ކޮމިއުނިކޭޝަންގައޭ. އެއްވެސް މީހަކު އެމީހަކު ހުރިތަނަކުން ނުނިކުމެ އެމީހަކު ކަވަރު ކުރަމުން ގެންދާ ތަނަކުން ބަލަމުން ގެންގޮސް ލިބޭ މައުލޫމާތެއް ވިއްޔާ ހިއްސާ ކުރަމުން ގެންދާށޭ. ހަމައެކަނި ކޮމިއުނިކޭޝަނަށް އިންނާނީ އެންމެ ފޯނެކޭ. އެފޯނަށް ހިއްސާ ކުރަމުން ގެންދާށޭ. އެއްވެސް މީހަކު އެމީހުންގެ އަތްދަށުވާއިރުގައި ސިފައިންގެ މީހެއްކަން އިނގޭ ހާލަތެއްގައި ނުހުންނައްޗޭ.“ އަލީ އިސްމާއިލް ކިޔައިދިނެވެ.
”ތަމަޅަ ޓައިގަރުން އަރައިގެން އައި ވަގުތު އެމީހުންގެ އަތްދަށުގައި އޮތީ ހަރުލާފަ. ގާތްގަނޑަކަށް 5:45 އިން ފެށިގެން ދެ ގަޑިއިރެއްހާއިރު، ސަކީނާމަންޒިލު ފާރު ކައިރީގައި އޮތީ ބަނޑުން އައްސާފަ ބާއްވާފަ. އެމީހުންނަކަށް ނޭނގޭ ކާކުކަމެއް، ސިފައިންގެ މީހެއް ކަމެއް. ފެންނަ ކޮންމެ މީހަކު އެތާ ހިފަހައްޓާފަ ބާއްވާފަ އޮތީ. ދޫކޮށްލަން ނެގީވެސް ބަޑި ޖައްސާފަ ބަހައްޓައިގެން. ދޫކޮށްލީމަ އެރީ އެއްގަމަށް. ދެން މުލިއާގޭ ދެކުނުފަޅިން އައިސް ޕޯސްޓަލް އިމާރާތާ ހަމައަށް އައި އިރު އެދިމާލުގައި ވެސް ބަޑި ޖަހަނީ. އަނެއްކާ އެތަނުން ވެސް ހިފެހެއްޓީ. އެތަނުގައި މަޑުކޮށްގެން ހުއްޓާ ތިން ސައިކަލެއްގައި އައި މީހުން މަޑުކުރުވާ އެމީހުންގެ ޖީބު ކަފާލާ، އެމީހުންގެ ވޮލެޓާ އެއްޗިސްވެސް ނެގި ތަމަޅަޓައިގަރުން. އެމީހުން ވެސް ހިފެހެއްޓި. އަހަރެން ބުނިން ފަހުން ހިފެހެއްޓި މީހުން ކައިރިގައި އަހަންނަކީ ސިފައިންގެ މީހެކޭ، އެއްވެސް މީހަކު އެކަމަކު އެވާހަކަ އެމީހުންނަށް ނާންގައްޗޭ. ތަމަޅައިންނޭ އަސްލު ހަގީގަތުގައި އަރައިގެން އެއުޅެނީ. އެއީ އެއިރު އާންމުންނަށް ދޮގު ޚަބަރެއް ފެތުރިފަ އޮތީ ސިފައިންގެ މީހުންނޭ އަރައިގެން އެ ހަމަލާދެނީ. އަހަރެން ބޭނުންވީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން އެވަގުތު. އެތަނުގައި އަހަރުމެން ބައިތިއްބާފަ ތިއްބާ ސަގަރޭ އާ ލުތުފީއާ ހަވީރުގެ އިދާރާ ކައިރިއަށް އައިތަން ފެނުނީމަ އެވަގުތު ހުރިހާ އެންމެން އެތަނުން ދޫކޮށްލީ. އެވަގުތު ބަނދެފަ ބައިތިއްބާފަ ތިބި ގާތްގަނޑަކަށް 20 ވަރަކަށް މީހުން“ އިއްޔެ މެންދުރު ހިނގި ހާދިސާއެއް ފަދައިން ޢަލީ އިސްމާއިލް ސިފަކޮށްދީ ކިޔައިދިނެވެ.
ޢަލީ އިސްމާއިލް ވަނީ ޙުސެއިން އާދަމްގެ މިޒާޖުވެސް ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ. އެގޮތުން ޢަލީ އިސްމާއިލް ބުނީ ޝަހީދު ޙުސެއިން އާދަމްއަކީ އެންމެންނާ ވެސް ގުޅޭ، ސަކަ މިޒާޖެއް ހުރި، ޒުވާނެއް ނަމަވެސް އެންމެންގެ މިޒާޖާވެސް ގުޅޭ މީހެއްގެ ގޮތުގައެވެ.

”އޭނައަކީ ހަގީގަތުގައި ބުނަންޏާ އެންމެން ދެކެވެސް ލޯބިވާ، އެންމެންނާވެސް ގުޅޭ ކުޑަކުއްޖެއް. އެއީ ޖަވާހިރެއްފަދަ މީހެއް. އެހާމެ އޯގާތެރި މީހެއް“ ޢަލީ އިސްމާއިލް ބުންޏެވެ.
ޝަހީދު ޙުސެއިން އާދަމްއަކީ އަދި މިހާތަނަށް ޤައުމު އެފަދަ ދެވަނައެއް ނުދެކޭފަދަ ހިތްވަރުގަދަ ފަހުލަވާނެކެވެ. އަދުގެ ޒުވާނުންނަށްހުރި ލާމަސީލު ނަމޫނާއެކެވެ. ދުނިޔޭގައި މިހާރު ނެތްނަމަވެސް، އެނަމެއް، އެ ހަނދާންތަކެއް މި ދިވެހި ފަސްގަނޑުން ހަމަޔަގީނުންވެސް ފިލައިގެން ނުދާނެ ދިވެހި ބަޠަލެކެވެ.
ޢަލީ އިސްމާއިލް އަބަދުވެސް އެދެނީ ޝަހީދު ޙުސެއިން އާދަމްގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތްލެއްވުމަށެވެ. އަދި އާހިރުތަގައިވެސް ޝަހީދު ހުސެއިން އާދަމްއާ އަލުން ބައްދަލުވާނޭކަމުގެ ފޮނި އުންމީދު ޢަލީ އިސްމާއިލް ކުރެއެވެ.




