ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ޚިދުމަތް ނުލިބޭ ހާލަތެއްގައިނަމަ އެފަރާތަކަށް އާސަންދަ ސްކީމުން މިހާރުވެސް ޚިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕިލިސީން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިގެ ކަވަރޭޖް ކުރިއެކޭވެސް އެއްފަދައިން ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން މިފަދަ ދަނޑިވަޅެއްގައި ހަގީގަތް އޮޅޭގޮތަށް އެކި ފަރާތްތަކުން ދޮގު މައުލޫމާތު ހާމަ ކުރަމުންދާތީ، އެކުންފުނިން ކަންބޮޑުވުންފާޅުކުރާ ކަމަށާއި މިގޮތުން ކަމާއި ގުޅުންހުރި ސައްހަ މައުލުމާތު ސާފު ކުރުމަށް އާސަންދައިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކުން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހޮޓްލައިން ނަންބަރު 1400 އަށް ގުޅުމަށް ވެސް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.



