މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިކަމުގެ އެވޯޑުގައި ”ތަހުގީގީ އޯޑިއޯ/ވީޑިއޯ“ ދާއިރާއިން ދިން އެވޯޑާމެދު އަލުން ގޮތެއް ނިންމަން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ނިންމައިފިއެވެ.
އޯޑިއޯ/ވީޑިއޯ ތަހުގީގީ ދާއިރާއިން އެވޯޑު ލިބިފައިވަނީ އަދަދު ނޫހުން ހުށަހަޅާފައިވާ ކޮންޓެންޓަކަށެވެ. ނަމަވެސް އެ އެވޯޑު އެ ކޮންޓެންޓަށް ހައްޤު ނުވާ ކަމަށާއި އެއީ އެމްއެމްސީގެ އާންމު އުސޫލުތަކާ ޚިލާފަށް އުފައްދާފައިވާ ކޮންޓެއްޓެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިވެސް ކޮށްފައެވެ.
އެގޮތުން މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ފަނޑިޔާރު ކޮށްދެއްވި ފަނޑިޔާރުން ވެސް އިއްޔެ ވަނީ މިކަމާ ގުޅޭގޮތުން އިއްޔެ ބަޔާނެއް ނެރުއްވާފައެވެ.
އެ ބަޔާނުގައި ފަނޑިޔާރުން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ”އެންމެ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު“ ދީފައިވަނީ އެމްއެމްސީގެ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމަށެވެ.
މި އެވޯޑަށް ފަނޑިޔާރުކަން ކޮށްދެއްވި ހަ ބޭފުޅުން ކަމުގައިވާ މުޙައްމަދު ސަލީމް، ފާތިމަތު އަޝްވާ ފަހީމް، ޝަމްޢާން ޝާކިރު، ޢަބްދުﷲ ނަޢީމް އިބްރާހިމް، ޙަސަން އާމިރު އަދި ޢަބްދުﷲ އަޒްމީން ސޮއި ކުރައްވާ ނެރުއްވި އެ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލަށް ބެލުމެއްނެތި ޝާއިއު ކޮށްފައިވާ ކޮންޓެންޓެއްކަން އެމްއެމްސީއަށް ފާހަގަވެ އެކަން އެގޮތަށް ނުކުރުމަށް 28 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި އެކައުންސިލުގެ ނޫސްބަޔާނުން ވެސް އެނގެން އޮންނާނެ ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެ އުފެއްދުން ބަލައިގަނެ ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަންވާވަރަށް ނުބަލާ ކަމަށާއި އެހެންކަމުން އެ އުފެއްދުން އެ ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.
މިކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްސީން އިއްޔެ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އެމްއެމްސީން ހާމަކުރި ގޮތުގައި މިއަހަރު ބޭއްވި ނޫސްވެރިކަމުގެ އެވޯޑާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ މައުލޫމާތު ހޯދާ، މިކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ މައްސަލަތަކާއި ގުޅޭގޮތުން ރިޕޯޓެއް ނެރުމަށް ވެސް ވަނީ ފާސްވެފައެވެ.




