ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ޑިމާންޑު އިތުރުވަމުންދާއިރު އެންމެ އިސްކަމެއްދެނީ މިދާއިރާ ރެގިއުލޭޓުކޮށް ކުރިއެރުވުމަށް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝިއަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކުންފުންޏަކުން ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓު ކުރަމުންދާ ކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުން ޚަބަރު ފަތުމުން ދިޔުމާ ގުޅިގެންނެވެ.
މިފަދަ ޚަބަރުތަކަށް ރައްދު ދެއްވަމުން މިނިސްޓަރ އަމީން މިއަދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނަ ކަމަށާއި މިޚިދުމަތަށް ބޮޑު ޑިމާންޑެއް އޮތްއިރު، ރާއްޖެއަކީ ޔޫރަޕާއި މެދުއިރުމަތީގެ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ބާއްވާ ޤައުމަކަށްވުމުން، ރާއްޖެއަށް ދަތުރުތައް ބާއްވާ ފްލައިޓުތަކުގައި މުދާ އުފުލުމަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އިސްކަން ދެނީ މި ދާއިރާ ރެގިއުލޭޓުކޮށް، ޚިދުމަތް ފުޅާކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.


