ރާއްޖެއަށް ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ދިއްދޫ / ފާގަތިގެ، އަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތިން މީހުންގެ ތެރެއިން، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭނާ ހައްޔަރުކުރުމަށްފަހު، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން މާލެއިން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމް އެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުން ވަނީ އަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކަސްޓަމްސް އިން ވަނީ ހުސްވި މަހުގެ 31 ވަނަ ދުވަހު ވެސް ބެންކޮކުން ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެގޮތުން ބެންކޮކުން ވައިގެ މަގުން އައި ޝިޕްމެންޓެއް ބަލައި ފާސް ކުރުމުން ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.


