ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރިއްޔާއިން ހުށަހަޅައިދިން ހަރަކާތްތަކުން އަސްކަރިއްޔާގެ ޤާބިލުކަން ދައްކުވައިދީފިއެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ”ސިފައިންގެ އަސްކަރީ ހުށަހެޅުން“ ނަމުގައި ކުރިއަށް ގެންދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. އެމަނިކުފާނު މިހަރަކާތް ބައްލަވާލެއްވުމަށް ޖުމްހުރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރިޔާސީ ކުރުނީހެއް ވެސް ވަނީ އަރުވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ އިތުރުން، މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީއާއި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނުގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ގިނަ ޢަދަދަކަށް ޢާއްމު ރައްޔިތުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުގައި ސިފައިންގެ އަސްކަރިއްޔާގެ ފަރާތުން ހުށަހަޅައިދެއްވި ހުށައެޅުމުގައި ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ވަނީ ދައްކާލާފައެވެ. އެގޮތުން ޓެރަރިސްޓު ޙާމަލާއެއް ކުރިމަތިވެފައިވާ ހާލަތުގައި ދިވެހި ސިފައިންގެ ޚިދުމަތުން އެފަދަ ހަމަލާއަކާއި ކުރިމަތިލާނެ ގޮތް ވަނީ ދައްކުވައިދީފައެވެ.
އެގޮތުން، ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދަޢުރާއި، އުޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ވެސް މިހަރަކާތުގައި ވަނީ ދައްކުވައިދީފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ކަނޑުމަތީގެ ޚާއްސަ ބޮޑެތި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމަށް މުޅިން އަލަށް ”ސްޕެޝަލް ބޯޓް ސްކޮޑްރަން“ އަސްކަރީ ޔުނިޓެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.



