އަދުގެ ޒުވާން ޖީލު ހަރުދަނާ ކުރުމަށް، އަންނަ އަހަރުން ފެށިގެން ’ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު‘ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމުގައި އޯލެވެލް އާއި އޭލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ނުލިބި ގިނަ އަދަދެއްގެ ޒުވާނުން ތިބޭ ކަމަށެވެ.
އެކަށީގެންވާ ތައުލީމެއް ނެތުމުގެ ސަބަބުން ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން ޑްރަގާއި އެކި ކަހަލަ ނުބައި އަމަލުތަކުގެ ތެރެއަށް ވިއްސި ވިހާލިވަމުންދާ އެތަށް ސަތޭކަ، އެތައް ހާސް ޒުވާނުން އިތުރު ވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމައު އަދި އެކުދިންގެ އާއިލާތަކުންނާއި އެކުދިން ވެސް އުފުލަން ޖެހޭ ބުރަ ބޮޑު ކަމަށެވެ. އޭގެ ސަބަބުން އިގުތިސާދަށް ވެސް ނުރަނގަޅު އަސަރު ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ދެވި، މިލިޓަރީ ތަމްރީނު ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބަފައި ތިބޭ ބަޔަކަށް ހެދިއްޖެކަމުގައިވާ ނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ ގޮތުންނާއި ސިފައިންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ’ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު‘ ގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިޕްރޮގްރާމް ވެގެންދާނީ ގާނޫނެއް ހެދިގެން، އެގާނޫނެއްގެ ދަށޫން ބާރު ލިބިގެން، އުމުރުން 16 އަހަރު ވުމަށް ފަހު، އެ 16 އަހަރު ވެގެން އޯލެވެލް ނިންމާފައި އެތައުލީމު ހާސިލު ކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖެއް ހުރިއްޔާ ބައިވެރިވާން ޖެހޭނެ ޕްރޮގްރާމަކަށެވެ.
އެގޮތުން، މިޕްރޮގްރާމުގައި ބައިވެރިވެ މިލިޓްރީ ތަމްރީނު ހޯދަން ޖެހޭނެ ކަމަށާއި، އެއަށްފަހު، ރެކްރޫޓުމެންޓު ޕްރޮގްރާމު ނިންމި ސިފައިންގެ އޮފިސަރަކަށް އެކުއްޖަކަށް ބަދަލުވެވޭނެ ކަމަށާއި ފުލުހުންގެ ހިދުމަތަށް ބަދަލުވާން ބޭނުންވާ ކަމުގައިވާ ނަމަ އެފުރުސަތު ވެސް ލިބޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިޕްރޮގްރާމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް 4000 ކުދިން އަދި ފުލުހުންގެ ހިދުމަތަށް 1000 ކުދިން އިތުރުވެގެން ދާނެއެވެ
ހަމައެއާއިއެކު 2025 ވަނަ އަހަރުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވް (އެން.ޕީ.އައި) ގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ މިކަމަށް ހާއްސަކޮށްފައިވާނޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އެމަނިކުފާނު ހިސާބު ޖަހައި، ކަމާއިބެހޭ ވުޒާރާތަކުގެ ހިސާބުތައް ހޯދާ ހުރިހާ ކަމެއް ކަލްކިއުލޭޓު ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން، ކޮންމެ އަހަރަކު ސިފައިންގެ ހިދުމަތަށް 4000 އަދި ފުލުހުންގެ ހިދުމަތަށް 1000 ކުއްދިން ވައްދާ، ޖުމްލަ 5000 ކުދިން މަގުމަތިން ބާކީވެފަ ތިބުމުގެ ބަދަލުގައި އެކުދިން ތަމްރީނުކޮށްގެން ގައުމަށާއި މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދިގެންދާނެ ކަމަށެވެ.



