ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތައް ނައްތާލުމަށް ހިނގާ ޚަރަދު، އެ ތަކެތި އެތެރެކުރި ފަރާތަކުން ދައްކަންޖެހޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
ސިއްހަތާއިބެހޭ ވުޒާރާއިން މިގަވާއިދަށް ގެނެސްފައިވާ ތިންވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތައް މޯލްޑިވްސް ކަސްޓަމްސްއިން ނައްތާލަން ޖެހޭނެ ކަމަށެވެ.
އެގޮތުން، ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން އެތަކެތި ނައްތާލުމަށް ހިނގާ ޚަރަދު، އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭނެ ކަމަށާއި، އެ ތަކެތި ނައްތާލަންދެން، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނައިރު ހިނގާނެ ޚަރަދު ވެސް އެ ތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްސްއަށް ދައްކަންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މިއިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ ކަސްޓަމްސްއިނެވެ.
އެހެންނަމަވެސް ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މަރުހަލާ ފިޔަވައި މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތާއި، ގަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނައްތައިލުން ފަދަ ކަންކަން ކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ.
އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޕޯސްޓް ނުވަތަ ކުރިއާ ސާވިސް މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން އަމިއްލަ ބޭނުމަށް، ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ދުންފަތުގެ ބާވަތްތައް ޖޫރިމަނާކުރުމުން އިސްތިސްނާ ކުރާނެއެވެ.



