މަޖީދީމަގުގައި ހުންނަ ޒިއޯން މޮބައިލް 4 ފިހާރަ ފަޅާލައި 1000 ރުފިޔާއާއި ފޯނުތަކެއް ވަގަށް ނަގައިފިއެވެ.
އެފިހާރައިގެ މެނޭޖަރެއް ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވައްކަން ކުރަން ފިހާރަ ފަޅާލާފައިވަނީ މިއަދު ފަތިހު 5:35 ހާއިރު ކަމަށެވެ.
”ވަގަށް ގެންގޮސްފައިވަނީ މޮބައިލް ފޯނުތަކަކާއި ވަތްގަނޑުގައި ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި 1000 ރުފިޔާ. އަޅުގަނޑުމެން ވަތްގަނޑުގައި އިތުރު ފައިސާއެއް ނުބަހައްޓަން“ ނަންހާމަ ނުކުރުމަށް އެދި މެނޭޖަރު ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް މެނޭޖަރު ވިދާޅުވިއެވެ.
މިހާދިސާގެ ސީސީޓީވީ ފުޓެޖު ހިމެނޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އޭގެން ފެންނަނީ މަގުމަތިން ތޮތްޕަކާއި ދަބަހެއް އަޅައިގެން ދިޔަ މީހަކު ދަބަހުން އެއްޗެއް ނަގައި، އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި މަންޒަރެވެ. އޭގެ ފަހުން އެހެން ފިރިހެނަކު ފިހާރާ އެތެރެއަށް ވަދެ އެ ފިހާރައިން ގިނަ އަދަދެއްގެ މުދާ ވަގަށް ނަގަމުންދާތަނާއި އެތަކެތި ހިފައިންގެން ނިކުމެގެން ދާތަން ވެސް ފެނެއެވެ.
މިމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. ފުލުހުން މިވަގުތުވެސް ދަނީ އެސަރަހައްދުގައި މިމައްސަލަ ތަހުގީގު ކުރުމަށް ހަރަކާތްތެރިވަމުންނެވެ.


