މަޖީދީމަގުގައި ހުންނަ ޒިއޯން މޮބައިލް 4 ފިހާރަ ފަޅާލައި 1000 ރުފިޔާއާއި ފޯނުތަކެއް ވަގަށް ނެގި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެފިހާރައިގެ މެނޭޖަރެއް ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވައްކަން ކުރަން ފިހާރަ ފަޅާލާފައިވަނީ މިއަދު ފަތިހު 5:35 ހާއިރު ކަމަށެވެ.
”ވަގަށް ގެންގޮސްފައިވަނީ މޮބައިލް ފޯނުތަކަކާއި ވަތްގަނޑުގައި ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި 1000 ރުފިޔާ. އަޅުގަނޑުމެން ވަތްގަނޑުގައި އިތުރު ފައިސާއެއް ނުބަހައްޓަން“ ނަންހާމަ ނުކުރުމަށް އެދި މެނޭޖަރު ވިދާޅުވިއެވެ
މިމައްސަލައިގެ އަދާހަމައެއް ދެއްވަމުން، ކުޑައިރުކޮޅެއް ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރުކޮށްފި ކަމަށެވެ.
މިހާދިސާގެ ސީސީޓީވީ ފުޓެޖު ހިމެނޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އޭގެން ފެންނަނީ މަގުމަތިން ތޮތްޕަކާއި ދަބަހެއް އަޅައިގެން ދިޔަ މީހަކު ދަބަހުން އެއްޗެއް ނަގައި، އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި މަންޒަރެވެ. އޭގެ ފަހުން އެހެން ފިރިހެނަކު ފިހާރާ އެތެރެއަށް ވަދެ އެ ފިހާރައިން ގިނަ އަދަދެއްގެ މުދާ ވަގަށް ނަގަމުންދާތަނާއި އެތަކެތި ހިފައިންގެން ނިކުމެގެން ދާތަން ވެސް ފެނެއެވެ.




