ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ހުޅުމާލޭގައި ޒަކާތު ހައުސްއަށް ޚާއްސަ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ފެށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ދެމުންދާ ’ފުދުންތެރިކަން ނެތް ފަރާތްތަކަށް ދެވޭ ބޭސްފަރުވާގެ އެހީ“ ޚިދުމަތަށް ’ވަންގަވް‘ މެދުވެރިކޮށް އެދިލެއްވޭނެ އިންތިޒާމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް އަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެއްގޮތަށް ވުޖޫދަށްގެނެވި ހިންގަމުންދާ މުއައްސަސާއެއްކަމަށާއި އެ މުއައްސަސާގެ ކުރިއެރުމަށް ފާގަތި އަހަރަކަށް އަންނަ އަހަރު ވެގެންދާނެ ކަމަށެވެ.
ޒަކާތު ހައުސްއަށް ޚާއްސަ އިމާރާތެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި، އެ އިމާރާތް އެޅުމަށް ބޭޏުންވާ ބިން މިހާރު ހަމަޖެހިފައިވާތި އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޒަކާތު ހައުސްއަކީ ހަރުދަނާ އަދި ރައްޔިތުންނާއި ގާތުން ޚިދުމަތްދޭ އިޖްތިމާއި މުވައްސަސާއަކަށް ހެދުން ކަމަށެވެ.
”އަމާޒަކީ މޯލްޑިވްސް ޒަކާތު ހައުސް ހުޅުމާލޭގައި ގާއިމް ކުރުން. މިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަނީ ފެށިފައި. ބިން ވަނީ ހަމަޖެހިފައި. 2025 އަހަރު ބިލްޑިން އެޅުމުގެ މަސައްކަތް ފެށިގެދާނެ. އަމަޒާކީ ޒަކާތު ހައުސްއަކީ ރާއްޖޭގައި ހުރި އެންމެ ހަރުދަނާ އެންމެ ރައްޔިތުންނާއި ގާތުން ޚިދުމަތްދޭ އިޖްތިމާއި މުއައްސަސާއަށް ހެދުން“ ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ދީނުގައި އޮތް އިޖްތިމާއި އެންމެ ބޮޑު ފަންޑަކީ ޒަކާތުގެ ފަންޑުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޒަކާތުގެ ބެހެނިވެރިންގެ އެންމެ މަތީ ޙިދުމަތެއް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްވެގެންދާނީ މުހިންމު ގައުމީ އިދާރާއަކަށް ކަމަށެވެ.
މިއަދު ”ވަންގަވް“ މެދުވެރިކޮށް ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރޭޑް ނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓްގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ މި ޚިދުމަތާއެކު ޖުމްލަ 12 އެޖެންސީއެއް ވަންގަވްގެ ޕްލެޓް ފޯރމްއާއި ގުޅިފައިވާއިރު، މި ގުޅިގެން ދިޔަ ޚިދުމަތަކީ ވަރަށް ޚާއްސަ ޚިދުމަތެއް ކަމަށެވެ.
ސައީދާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދެވޭ ގިނަ ޚިދުމައްތައް ވަން ގަވްގެ ޕްލޭޓްފޯމަށް އިތުރު ކުރެވިގެންދާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ 17 އިދާރެއް ވަންގަވްގެ ޕްލެޓްފޯމަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
”ސަރުކާރުން ފައްޓަވާފައުވާ އެއްފުރާޅު ކުރުމުގެ ސިޔާސަތުގެ ދަށުން ޑިޖިޓަލް ފޯމެޓެއްގައި ވަންގަވްގެ ޕްލެޓްފޯރމަށް ގެނެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަމާއި މުޅި ރާއްޖެއަށް ފުޅާވެގެންދިއުން. އެގޮތުން ވަންގަވް މެދުވެރިކޮށް ބޭސްފަރުވާގެ ޙިދުމަތައް އެދުމުގެ ޙިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަގެ މީހުންނަށް ފަސޭހަވެގެން ދާނެ ހިދުމަތެއް. މި ކަމާއެކި ވުޒާރާގެ އެކި ޙިދުމައްތައް އަންނާނެ ކަމަށް އުންމީދު ކުރަން. މި އަހަރު ޖުމްލަ 17 ސަރުކާރުހެ އިދާރާ އިތުރު ކުރުން“ ސައީދާ ވިދާޅުވިއެވެ.



