ރައްޔިތުން ބޭނުންވާ ސްޕީޑުގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ސުޕަ މެޖޯރިޓީ އޮވެގެން މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަމަށެވެ.
ރައްޔިތުން އެ މެޖޯރިޓީ ޕީއެންސީއަށް ދިނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަޖިލިސް ކުރިއަށް ގެންދަންވެގެންކަން ފާހަގަކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ މިހާ ބާރަށް ބިލުތަކުގެ ބަހުސްތައް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށެވެ.
”އެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި އަޅުގަނޑު މި ދަންނަވާލީ. އެއްގޮތަކަށް ވެސް ރިޔާސަތުން ބަހުސްގައި ބައިވެރިވުމުގެ މަގުސަދެއްގައެއް ނޫން. އެހެންނަމަވެސް، ރައްޔިތުންނަށް މިކަން އެނގެންޖެހޭނެ ކަމެއް ކަމަށް ދެކޭތީ،“ އަބްދުލްރަހީމް ވިދާޅުވި އެވެ.
އަބްދުލްރަހީމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ޕީއެންސީ އަށް ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމަށްޓަކައި މަޖިލީހުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެހެންކަމުން އެ މަގުސަދު މަޖިލީހުން ހާސިލުކޮށްދޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުލްރަހީމް ވިދާޅުވިއެވެ.



