ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޮއިކުރައްވާފައިވާއިރު، ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އިގްތިސާދީ ވަޒީރު ޕްރޮފެސަރ ޑރ. އޯމާ ބޮލަޓް އެވެ.
މިކަމާއި ގުޅޭ ގިތުން އިކޮނޯމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި ތުރުކީއާ ދެމެދުވެފައިވާ މިފަހުމުނާމާގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވިގެންދާނެއެވެ.
މީގެއިތުރުން، ދެގައުމުގެ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމާއި، ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީ މާކެޓުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެ، ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއާ ތުރުކީއާ ދެމެދު މިހާރު ދަނީ އިގުތިޞާދީގޮތުން ގާތް ގުޅުމެއް ގާއިމުކުރެވެމުންނެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވި، ކުރިއަށް އޮތް ތަނުގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުކުރެވި، އައު ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



