ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވި ”ހިޔާވަހި ފައިނޭންސް“ ސްކީމަށް އަންނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި މިއަދު އިއުލާނުކުރި ހިޔާވަހި ފައިނޭންސް ސްކީމް ކުރިއަށް ގެންދިޔުމަށް އެއް ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ކަނޑައަޅާފައިވާނެ ކަމަށެވެ.
”އެއްހާސް މިލިއަން ރުފިޔާ ބޭނުން ކޮށްގެން ތިން ބޭންކު (އެޗްޑީއެފްސީ، ބީއެމްއެލް އަދި އެމްއައިބީ) މެދުވެރިކޮށް 5 ޕަސެންޓުގެ އިންޓްރެސްޓުގެ މި ލޯނުތައް ދޫކުރަމުން ދާނީ. މި އެއް ބިލިއަން ރުފިޔާ ބޭނުންކޮށްގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ހަގީގަތުގައި އެބަދޫކުރެވޭ. އެހެންވީމަ ދެ ބިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު އަހަރު ތެރޭގައި ދޫކުރެވިގެންދާނެ އަޅުގަނޑުމެން މިރާވާފައި އޮތްގޮތުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދު އިފްތިތާހުކުރި މިސްކީމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް 1 މިލިއަން، އަރބަން ސެންޓަރުތަކަށް 3 މިލިއަން އަދި ފުރަމާލެއަށް 6 މިލިއަންއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މިއަންނަ އަހަރު ތެރޭގައި މިހުރިހާ ލޯނެއް ނަގަން ފުރުސަތު ދެވިގެންދާއިރުގައި އެއީ ގާތްގަނޑަކަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް ކުރިއަށްދާނެ ލޯނު ސްކީމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސް ސްކީމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 5 ޕަސެންޓު އިންޓަރެސްޓާއެކު ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިވާވަހި ފައިނޭންސިންގް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާ ޕްރޮގްރާމެކެވެ. މިއީ 25 އަހަރުން އަނބުރާ ދައްކާގޮތަށް، ތިން ދަރަޖައަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.




