މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގައި އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ”އެންމެ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު“ ދީފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އުސޫލާއި މަޤްސަދުތަކާ ޚިލާފަށް ކަމުގައި ބުނެ، ނޫސްވެރިކަމުގެ އެވޯޑަށް ފަނޑިރާޔުކަން ކޮށްދެއްވި ފަނޑިޔާރުން ކޮށްފައިވާ ތުހުމަތުތައް އެމްއެމްސީން ދޮގުކޮށްފިއެވެ.
އެގޮތުން މި އެވޯޑަށް ފަނޑިޔާރުކަން ކޮށްދެއްވި ހަ ބޭފުޅުން ކަމުގައިވާ މުޙައްމަދު ސަލީމް، ފާތިމަތު އަޝްވާ ފަހީމް، ޝަމްޢާން ޝާކިރު، ޢަބްދުﷲ ނަޢީމް އިބްރާހިމް، ޙަސަން އާމިރު އަދި ޢަބްދުﷲ އަޒްމީން ސޮއި ކުރައްވާ މި މަހުގެ 2 ވަނަ ދުވަހު ފަނޑިޔާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑު ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލަށް ބެލުމެއްނެތި ޝާއިއު ކޮށްފައިވާ ކޮންޓެންޓެއްކަން އެމްއެމްސީއަށް ފާހަގަވެ އެކަން އެގޮތަށް ނުކުރުމަށް 28 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި އެކައުންސިލުގެ ނޫސްބަޔާނުން ވެސް އެނގެން އޮންނާނެ ކަމަށެވެ.
މީގެއިތުރުން އެ އުފެއްދުން ބަލައިގަނެ ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަންވާވަރަށް ނުބަލާ ކަމަށާއި އެހެންކަމުން އެ އުފެއްދުން އެ ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށާއި މިކަމާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް އެމްއެމްސީން ޒިންމާދަރުކަމާއެކީ ޖަވާބުދާރީވެފައިނުވާ ކަމަށް ވެސް ފަނޑިޔާރުން ބުނެފައިވެއެވެ.
ފަނޑިޔާރުންގެ އެ ބަޔާނާ ގުޅިގެން އެމްއެމްސީން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ބަޔާނެއް ނެރެން ޖެހުނީ ފަނޑިޔާރުން ނެރުނު ބަޔާނުގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތަކެއް ހިމަނާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުން އެކަމަށް ކަނޑައަޅާފައިވާ އިދާރީ މުވައްޒަފު އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ އެންމެހާ ތަކެތި ހަމައަށް ހުށަހަޅާފައިވޭތޯ ބެލުމަށް ފަހު އެތަކެތި ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރިކަމުގެ އެވޯޑު ކުރިއަށްގެންގޮސްފައިވަނީ އިންސާފުވެރިކަމާއި ކައުންސިލުގެ މިނިވަންކަމާމެދު ސުވާލު އުފައްދާ ފަނޑިޔާރުން ކޮށްފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ބުނެ އެމްއެމްސީން ނެރުނު ބަޔާނުގައި 11 ނުކުތާއެއް ހިމަނާފައިވެއެވެ.
އޭގެތެރެއިން އެއް ނުކުތާގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާން ދުވަހަކަށްވެފައި ވަނިކޮށް އެމްއެމްސީން ނެރުނު ބަޔާނަކީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށާއި އެ ބަޔާން ނެރެން ޖެހުނީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކޮންޓެންޓް ޝާއިއުކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.


