އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިހާރު އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ ހަސީބު މެންބަރުކަމަށް އައްޔަންކުރުމަށް އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 14 ގަ އެވެ.
އޭނާ ނަން ފާސްކުރުމުގެ ކުރިން އޭނަ އެ މަގާމަށް އެކަށީގެންވޭތޯ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ހަސީބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި, އޭނައާ އިންޓަވިއު ވެސް ކޮށްފައެވެ.
ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ހަސީބު އާއި ދެކޮޅަށް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އިންޓަވިއުއިން ހަސީބަށް 88.88 ޕަސެންޓު މާކްސް ލިބިފައިވާ ކަމަށެވެ.
ހަސީބް އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރުމަށް ވޯޓު ނެގުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުން ވަނީ އޭނާ އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ.
މިމަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހަސީބު ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމް ވެސް ފުރުއްވާފައެވެ. އަދި މިހާރު ހަސީބް މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.


