ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޕްރިޕެއިޑް މާސްޓާކާޑެއް ތައާރަފުކޮށްފިއެވެ.
މިކާޑު ތައާރަފްކޮށްފައި ވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައެވެ.
ބީއެމްއެލުން ހާމަކޮށްފައިވާ ގޮތުގައި މި ކާޑާއެކު، ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުން ވެސް ކުރާ މުއާމަލާތްތަކުގައި ނަގުދު ފައިސާގެ ބަދަލުގައި މާސްޓާ ކާޑު ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން މުއާމަލާތްތަކުގެ ތަފުސީލް ރައްކާތެރިކަމާއެކު ބެލެހެއްޓި، ނަގުދު ފައިސާއާ ނުލައި ވިޔަފާރިއާ ގުޅޭ ޚަރަދު ކުރުމަށް މަގުފަހިވާނެއެވެ.
ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބީއެލްއެލުން ތައާރަފުކޮށްފައިވާ ބީއެމްއެލް ބިޒްނަސް ޕްރިޕެއިންޑް ކާޑުގެ ރުފިޔާ އަދި ޑޮލަރު ކާޑު ލިބޭއިރު، ދެ ބާވަތުގެ ކާޑުން ވެސް ރާއްޖޭގެ ޕީއޯއެސް، ޕޭމަންޓް ގޭޓްވޭ އަދި އޭޓީއެމްތަކުގައި މުއާމަލާތު ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިނާއި ޕޭމެންޓް ގޭޓްވޭތަކުގައި ވެސް މިޑޮލަރު ކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.
އެގޮތުން، އެކާޑުތަކުން ދުވާލަކު އެއް ލައްކަ ދިވެހި ރުފިޔާ އަދި 50،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ ކަމަށާއި، ދެ ލައްކަ ރުފިޔާ ނުވަތަ 50،000 ޑޮލަރު ކާޑަށް ރީލޯޑް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ. އަދި ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލް އަދި ބެލެންސް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބެލެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެފައިވެއެވެ.
މިޙިދުމަތާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މާސްޓަކާޑާއެކު ވިޔަފާރިތަކަށް ޑިޖިޓަލް ބޭންކިން ސޮލިއުޝަނެއް ހޯދައިދެވޭކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ބިޒްނަސް ޕްރީޕެއިޑް މާސްޓަކާޑަކީ ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން ވިޔަފާރިތަކުން ބޭނުންވާ ފަދަ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.



