ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކަށް ހިދުމަތް ފޯރުކޯށްދިނުމުން ލިބޭ މަންފާ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުނިތަކަށް ވަންނަކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ, ރާއްޖެއަށް ގިނަ އަދަދެއްގެ ޖެޓުތައް އަންނައިރު، ޖެޓް ހޭންޑްލިންއަކީ ބޮޑު ވިޔަފާރިއެއް ކަމަށެވެ.
އެހެންނަމަވެސް އެ ވިޔަފާރީގައި ވަރަށް ބޮޑު ބައެއް ހިންގަނީ، ދިވެއްސެއްގެ ނަމުގައި އުފައްދައިގެން، ބޭރު ބަޔަކަށް މަންފާ ލިބޭ ގޮތަށް އޮންނަ ކުންފުނިތަކަކުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބޭ އެއްޗަކަށް ހެދުން ކަމަށާއި ސަރުކާރުން ބޭނުން ވަނީ މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށްވުން ކަމަށެވެ.
”އަޅުގަނޑުމެން ވަރަށް ހަރުދަނާ ބަދަލުތަކެއް އާ އަހަރު ފެށޭއިރަށް ގެންނާނަން އަދި އިއުލާން ކުރާނަން އެ ގަވައިދުތަކަށް ވެސް ބަދަލު ގެންނާނަން،“ ވަޒީރު ވިދާޅުވިއެވެ.
މިއާއިއެކު ވަޒީރު ވަނީ ޖެޓްތަކަށް ޚިދުމަތް ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހީން އޭގެ މަންފާ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް އިންތިޒާމުތައް ނުބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
”އަޅުގަނޑުމެން ސަރުކާރުން މިހާރު ބަލާނަން އެ ކަންތައްތައް އޮޑިޓް ވެސް ކުރާނަން އެގޮތަށް ދިވެހި ކުންފުންޏެއް ހަދާފައި ބޭރު ކުންފުނިތަކަށް މަންފާ ލިބޭ ގޮތަ އިންތިޒާމު ވެގެން ކުރާ ވިޔަފާރިއަށް ބަދަލު ގެންނާނަން،“ ވަޒީރު އަމީން ވިދާޅުވިއެވެ.
އެ ބަދަލުތަކާ އެކު، ޖެޓުތަކަށް ދޭ ޚިދުމަތްތަކުން މަންފާ ލިބެނީ ދިވެހީންނާއި ދިވެހި ކުންފުނިތަކަކަށްކަން ޔަގީންކުރެވޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަހަރުގެ ފަހުކޮޅު ލިބޭ ޗުއްޓީގައި ރާއްޖެއަށް އާންމު ގޮތެއްގައި ޖެޓުތައް އަންނައިރުމ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރިކޯޑް އަދަދަކަށް ވަނީ ޖެޓު ޖައްސައިފައެވެ.



