ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން މިއަދު އިފްތިތާހު ކޮށްފިއެވެ. މި ޕްލޭން އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ނައިބު ރައީސް ޙުސެއިން ލަތީފު (ސެމްބެ) އާއި ދައުލަތުގެ ވަޒީރުންނާއި އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑެވެލޮޕްމެންޓް ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ ޤައުމުގެ ތަރައްޤީގެ އިސްތިރާޖުތަކާއި ލަނުދަނޑިތައް ހާސިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން، މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ބިލެއް މިމަސައްކަތުގެ ތެރޭގައި އެކުލެވި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ.
”މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށްޓަކައި ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރު ކުރުމަށްވެސް ވަނީ ނިންމާފަ“ މިނިސްޓަރ ހައިދަރު ވިދާޅުވެފައިވެއެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސްކަމަށް ކުރިމަތިލެއްވިއިރު ވީ އެންމެ މުހިންމު އެއް ވައުދުފުޅަކީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން (ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވެގެން) 20 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ކަމެވެ.
”ޤައުމުގެ ތަރައްޤީގެ މަސައްކަތަކީ ވަރަށް މުހިންމުކަމެއް ދީގެން ކުރަން ޖެހޭ ކަމެއް. ސިޔާސީ އޮއިވަރުގައި ޖެހިގެން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވިސްނުމާ އެއްގޮތަށް އަބަދު އަބަދު ބަދަލުތަކެއް އަންނަ ގޮތަށް ޤައުމުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަންވެއްޖިއްޔާ ރައްޔިތުންނަށް އެންމެ ހެޔޮގޮތް ނުލިބިދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ކަނޑައަޅާފައި އޮންނަ މަގަކުން، ދާން ބޭނުންވާ މިސްރާބަށް ދެވޭގޮތަށް ކަންތައްތައް ބައްޓަން ކުރެވިއްޖެނަމަ އެކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.



