ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބާ އިމްތިޙާނު 138 ކެންޑިޑޭޓުންނާއެކު މިއަދު ބާއްވައިފިއެވެ.
މި އިމްތިޙާނު ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.
މިއީ ރާއްޖޭގައި ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު އަލަށް ދާއިރާއަށް ވަންނަ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިމްތިޙާނެކެވެ. މީގެއިތުރުން، މި އިމްތިޙާނަކީ އަލަށް ނުކުންނަ ވަކީލުންގެ ފެންވަރު ވަޒަންކޮށް، ދާއިރާއާ ގުޅުމަށް ބޭނުންވާ ”މިނިމަމް ބެންޗްމާކް“ ކަނޑައެޅުމަށް ދެވޭ މުހިންމު އިމްތިޙާނެކެވެ.
ބާ ކައުންސިލުން ބުނިގޮތުގައި މިއަހަރުގެ އިމްތިޙާނުގައި އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ ޖުމްލަ 120 މަލްޓިޕިލް ޗޮއިސް ސުވާލު ހިމަނާފައިވެއެވެ. މި ސުވާލުތައް އެކުލަވާލާފައިވަނީ މައިގަނޑު 6 ދާއިރާއަކަށް ބަހާލައިގެންނެވެ.
އިމްތިޙާނުގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:
- ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
- ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
- ލޭންޑް އެންޑް ލޯ ޕްރެކްޓިކްސް
- ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
- ޓޯޓަލް ލޯ
- މޯލްޑިވިއަން ލީގަލް ސިސްޓަމްސް
ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދެއްވާ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ”ކޮމިޓީ އޮފް އެކްސްޕަރޓްސް“ އިންނެވެ.
އިމްތިޙާނަށް ކެނޑިޑޭޓުން ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރީޑިންގ ލިސްޓެއް ޝާއިޢުކޮށް، ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް ބާއްވަމުން ގެންދެއެވެ.
އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އިމްތިޙާނަށް ބައިވެރިން އަހުލުވެރިކުރުވުމަށާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން 5 އޮރިއެންޓޭޝަން ސެޝަނެއް ބާއްވާފައިވާ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.



