ރާއްޖޭގެ އެކި ސަރަހައްދުގައި އެޑިއުކޭޝަން މިނިސްޓްރީގެ 100 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫ ސަރަފުއްދީން ސްކޫލާއި އައްޑޫ ހައި ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި ރިސޯސް ބިލްޑިންގެ މަސައްކަތާ ގުޅޭ ގޮތުން މިނިސްޓަރު ޝަފީޢުއާ ސުވާލު ކުރައްވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެޑިއުކޭޝަނުން މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި އެކަމުގެ ސީދާ ތަފްސީލު ލިބިވަޑައިގެންފައިނުވި ކަމުގައިވިޔަސް 100 އަށްވުރެ ގިނަ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
”މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެބަ ގެންދަވާ ގާތްގަނޑަކަށް 111 ވަރަކަށް މަޝްރޫޢު. އެ މަޝްރޫއުތަކުގެ މައުލޫމާތު ޓެކްސްޓް މެސެޖެއްގެ ޒަރިއްޔާއިން، ނާޒިލްއާ މިއަދު ހިއްސާކުރައްވާނަން“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިވަގުތު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ބޮޑު މަޝްރޫއު އަކީ ސަރުކާރުން ހިންގާ ސްކޫލްތައް ފިނިކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިޔަށް ގެންދާ ”ކޫލް ސްކޫލް“ މަޝްރޫޢުއެވެ.



