މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) މިއަދު މެންދުރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އެމަރްހޫމްގެ ކަށުނަމާދު އޮތީ މިއަދުގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒު ގައެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުވާ މޮހޮދޭގެ އާއިލާއަށް ތަޢުޒިޔާގެ މެސެޖެއް ރައްދުކުރައްވާފައެވެ.
އެގޮތުން ”އެކްސް“ ގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް ނިޔާވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއިއެކު ކަމަށެވެ.
”މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެކެވެ. ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެކެވެ. ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެކެވެ.“ ރައީސްގެ ތަޢުޒިޔާ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ މަރްޙޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިލައްވާފައެވެ.
މާތްﷲގެ ދީލަތިވަންތަ ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ކުރާ ދުޢާތައް ތަކުރާރުކުރަމެވެ. އާމީން.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون




