އައިފިލްމްސްއާއި ކަޒްމިކް އިންޓަނޭޝަނަލްއިން އަލަށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ”ދޭދަރު ރުއިން“ ގެ މެއިން ޓްރެއިލަރ އިއްޔެ ރިލީޒްކޮށްފިއެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތައް، ބާވަތި އަދި ނީނާގެ އުފެއްދުންތެރިން ގެނެސްދޭ ދޭދަރު ރުއިން އަކީ ކޮރިއޯގްރަފްކޮށްފައިވާ ފައިޓް މަންޒަރުތައް ހިމެނޭ ވަރުގަދަ އެކްޝަން ކްރައިމް ޑްރާމާއެކެވެ. މިއީ އިންސާނުން ޓްރެފިކް ކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައަށް އަލިއަޅުވާލާ ފުރަތަމަ ދިވެހި ފިލްމެވެ. އަދި މީގެ އިތުރުން ރޭވިގެން ކުރެވޭ ކުށްތަކާއި، ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ނުރައްކާވުމާއި، ކުޑައިރު ލިބޭ ނަފްސާނީ ޓްރޯމާއަށްވެސް މި ފިލްމުގައި އަލިއަޅުވާލައެވެ.
މި ފިލްމުގައި ދައްކުވައިދޭ އެއް ދުވަސް ތެރޭގައި މި ހުރިހާ މައްސަލަތައް އެއްވެ، ގުޅި ލާމެހިގެންދެއެވެ.
އައްޒާމް ލިޔެ ޑައިރެކްޓު ވެސް ކޮށްފައިވާ މި ފިލްމަކީ ކްރައިމް އަދި ޑްރާމާ ވެސް އެކުލެވިގެންދާ އެކްޝަން ފިލްމެކެވެ.
މިމަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ތަރިންނަކީ މިފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ހިމެނެނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އަދި ގިނަ ފިލްމުތަކާ ސީރީޒްތަކުން ވެސް މިހާރު ފެންނަމުންދާ ކުޅަދާނަ ތަރި ސަރަފް ޢަބްދުﷲ އެވެ. އޭނާއާކު ދެން ފެނިގެންދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް އޭނާގެ ހުނަރު ދައްކާ ފުރިހަމައަށް ދައްކާ ދީފައިވާ މައިހާ އާދަމް އެވެ.
މިދެތަރިންގެ އިތުރުން ހާޒިފް މުޙައްމަދުގެ ވަރަށް ތަފާތު އެކްޓިންގެއް ވެސް މި ފިލްމުން ފެނިގެން ދާނެއެވެ. އަދި އަލަށް ދާއިރާއަށް ތަޢާރަފްވާ މޫސާ ރަޝީދުއާއި ޝްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ސުޝްމާ ސުބޭދީގެ ކުޅަދާނަ އެކްޓިންގް ވެސް ފެނިގެންދާނެއެވެ.
https://youtu.be/GjHXnbFHscs?si=yMEntiht9VWrZ9bd
”ދޭދަރު ރުއިން“ ގެ ޓްރެއިލަރ އިއްޔެ ރިލީޒްކޮށްފައިވާއިރު ޓްރެއިލަރުން ފެންނަނީ ވަރަށް ބިރުގަނެ ހާސްވެފައިވާ އަންހެނަކު މަދަދަށް އެދި އާދޭސް ކުރާ މަންޒަރެވެ. ފިލްމުގެ ކެރެކްޓަރުންނަށް ދިމާވެފައިވާ ހާސްކަން ޓްރެއިލަރުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވެއެވެ.
މި ފިލްމުގެ ސިނަމަޓޮގްރަފީ ހަދާދީފައިވަނީ އިސްމާޢީލް ޔާނިމް (އޮކްނޯ) އެވެ. އަދި އެޑިޓިންގްގެ މަސައްކަތް ކޮށްފައިވަނީ އާދަމް ޝިނާދު އެވެ. ފިލްމުގެ ސައުންޑް އަދި ކްރޫއަކީ ވެސް އޮކްނޯއެވެ. އަދި ބެކްގްރައުންޑް މިއުޒިކު ހަދާދީފައިވަނީ ފައްޗުއެވެ.
”ދޭދަރު ރުއިން“ ގެ ކާސްޓުންގެ މޭކަޕް ކޮށްފައިވަނީ ކުޅަދާނަ މޭކަޕް އާޓިސްޓުން ކަމަށްވާ ސޭންޑީ އަދި ރުތުބާ އަޙްމަދުއެވެ.




