ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމު ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި މަޝްރޫޢު އިފްތިތާހު ކުރުމަށް މިއަދު އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފު، ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމްއާއި އެސްޓީއޯގެ މެނޭޖްމަންޓް ޓީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އަސާސީ ބާވަތެއްގެ ގޮތުގައި ތެޔޮ ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުން ޕެޓްރޯލު އަދި ޑީސަލް އާންމު ރައްޔިތުންނަށް ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖެއްސުމަށް ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްވެރިންނަށް ފަސޭހައިން ޑީސަލް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ފަށާ މަޝްރޫޢުއެކެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު ވިދާޅުވީ މިއަދު މި އިފްތިތާހު ކުރެވުނު މަޝްރޫޢުގެ ދަށުން މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ވެސް އެސްޓީއޯ އިން ތެޔޮ ފޯރު ކޮށްދެވޭނެ ކަމަށެވެ.
”ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ކުރާ އޮޑިފަހަރުތައް އެބަ ހަރަކާތްތެރިވޭ. އެންމެ ބޮޑަށް މަސްވެރިން ހަރަކާތްތެރިވަނީ މާލެ އަތޮޅުގައި ކަމަށްވާތީ މިއަހަރު ޖޫން މަހު އަޅުގަނޑުމެން ވާނީ ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމައްޖައްސާފަ“ ޝިމާދު ވިދާޅުވިއެވެ.
މީގެއިތުރުން ޝިމާދު ވިދާޅުވީ އެސްޓީއޯގެ ދެންއޮތް އަމާޒަކީ ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައި 2026 ފެބްރުއަރީގެ ކުރިން ފިއުލް ސެޓަޕް ގާއިމުކޮށް މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ.



