މަސްވެރިންނާއި އާންމުންނަށް ހެޔޮއަގުގައި ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުން ދާނީ ކުރިއަށް ކަމުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމު ކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން ޝިމާދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ކުރާ އޮޑިފަހަރުތައް ހަރަކާތްތެރިވަމުންދާ ކަމަށާއި އެންމެ ބޮޑަށް މަސްވެރިން ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީ މިއަހަރު ޖޫން މަހު އެސްޓީއޯއިން ވާނީ ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމައްޖައްސާދީފަ ކަމަށެވެ. އަދި މަސްވެރިންނާއި އާންމުންނަށް ހެޔޮއަގުގައި ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމުގެ މަސައްކަތް ދާނީ ކުރިއަށް ކަމުގައި ވެސް ޝިމާދު ވިދާޅުވިއެވެ.
މީގެއިތުރުން ޝިމާދު ވަނީ މަސްވެރިކަމުގެ މަސައްކަތްތައް އާންމުކޮށް ކުރާ ދެ ރަށް ކަމުގައިވާ ފެލިވަރާއި ކޫއްޑޫގައި އެސްޓީއޯއިން ތެޔޮފޯރު ކޮށްދިނުމަށްޓަކައި ސެޓަޕް ގާއިމު ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމަށް ވެސް އެދިލައްވާފައެވެ.
އެގޮތުން އެސްޓީއޯ އިން ވަނީ މިހާރު އެ ކުންފުނިން ތެލުގެ ޚިދުމަތްތަށް ފޯރުކޮށްދޭ ތަންތަނާއި މިމަޝްރޫޢުގެ ދަށުން 2026 ފެބްރުއަރީގެ ކުރިން ފިއުލް ސެޓަޕް ގާއިމުކޮށް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ވެސް ތެލުގެ ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ސަރަހައްދުތަކެއް ފާހަގަކޮށް ޗާޓެއް ދައްކާލާފައިވެއެވެ.
އެ ޗާޓަށް ރިއާޔަތްކޮށް ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ ހުޅުމާލޭގައި މިހާރުވެސް އެސްޓީއޯގެ ފިއުލް ސެޓަޕެއް ހުރި ކަމަށާއި އޭގެ އިތުރުން ފެލިވަރާއި ކޫއްޑޫއިން ހެޔޮއަގެއްގައި މިހާރުވެސް ތެޔޮ ފޯރުކޮށްދިން ނަމަވެސް އެތަންތަނުގައި އެސްޓީއޯގެ ސެޓަޕްތަކެއް ނެތް ކަމަށެވެ.
”އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަން ފެލިވަރާއި ކޫއްޑޫގައި އަޅުގަނޑުމެންގެ ސެޓަޕް ގާއިމުކޮށް އަޅުގަނޑުމެންނަށް ބިން ހަމަޖައްސައި ދިނުމަށް“ ޝިމާދު ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓީއޯގެ ފިއުލް ސެޓަޕް ހެދުމަށް މިހާރުވެސް ގިނަ ރަށްރަށުގެ ބަނދަރުމަތިން ބިންދީފައި ހުރިކަން ފާހަގަކޮށް އެކަމަށްޓަކައި ސަރުކާރަށް ޝިމާދު ޝުކުރު އަދާ ކުރެއްވިއެވެ.



