ދެ ރަހުމަތްތެރިއަކު އެއްދުވަހަކު އެކުގައި ދަތުރުކުރަން ފެށިއެވެ. އޭގެތެރެއިން އެކަކީ ލޯފަން މީހެކެވެ. އެހެންކަމުން ދަތުރުގައި މަގުދައްކައި ދިނުމާއި ކާނާ ހޯދަން ދިޔުމުގެ މަސައްކަތް ކުރީ ލޮލަން ފެންނަ މީހާއެވެ.
ވަރަށް ގިނަ ވަގުތު ވަންދެން ހިނގުމަށްފަހު ރޭގަނޑުވުމުން އަރާމުކޮށްލަން އެމީހުން ވަލުތެރޭގައި ޓެންޓު ޖަހައިގެން މަޑުކޮށްލިއެވެ. ޓެންޓު އެތެރޭގައި އަރާމުކޮށްލަން މަޑު ކުރުމަށް ލޯފަން މީހާގާތު ބުނުމަށްފަހު ލޮލަށް ފެންނަ މީހާ ދިޔައީ ރޭގަނޑުގެ ކެއުމަށް ކާ އެއްޗެއް ލިބޭތޯ ވަލުތެރެއަށެވެ.
އެވަގުތު ޓެންޓުކައިރިއަށް ބޮޑު ހަރުފައެއް ދިޔައެވެ. ޓެންޓު ޖަހާފައި ހުރި ސަރަޙައްދަކީ ރޭގަނޑުވުމުން އިންތިހާއަށް ފިނިގަދަވާ ސަރަހައްދެކެވެ. އަދި ފަތިސްވާން ކައިރިވުމުން ފިނިކަން މަޑުވެ، ހޫނުކަމުގެ އިހުސާސް ކުރެވެން ފަށައެވެ.
ހަރުފަ ޓެންޓާއި މާބޮޑަށް ގާތް ނުވެވެނީސް، ފިނީގެ ސަބަބުން އެއްކޮށް ގަނޑުވެ ހަރުވިއެވެ. އޭތި އޮތީ އެއްކޮށް ސީދަލަށް ހަރުދަގަނޑު އަރާފައެވެ.
ރަހުމަތްތެރިޔާ އައުން ލަސްވާތީ ލޯފަން މީހާ އެވަގުތު އެކި ތަންތަނުގައި އަތްކާތަމުން ޓެންޓުން ބޭރަށް ނިކުތެވެ. އޭނާގެ ފައި އެވަގުތުޖެހުނީ ހަރުފަގެ ގައިގައެވެ. އެހެންކަމުން އޭނާ ގުދުވެ އޭތި ނެގިއެވެ. އޭނާ ހީކުރީ އެއީ ހެޔޮވަރު ވަރަކަށް ރަނގަޅު ދަނޑިގަނޑެއް ކަމަށެވެ. ލޯފަން މީހަކަށް ރަނގަޅު ދަނޑިކަނޑެއް ލިބުމަކީ އަގުބޮޑު ޖަވާހިރެއް ލިބުންފަދަ ކަމެކެވެ.
އެވަގުތު އޭނާގެ އެކުވެރިޔާ އެތަނަށް ދިޔައެވެ. ލޯފަން މީހާގެ އަތުގައި ބޮޑު ހަރުފައެއް އޮތްތަން ފެނިގެން އޭތި އަވަހަށް އެއްލާލަން އޭނާ ބުންޏެވެ. ނަމަވެސް ލޯފަންމީހާ އޭނާގެ އެކުވެރިޔާ ދެއްކިވާހަކަ ޤަބޫލެއް ނުކުރިއެވެ. އޭނާ ހީކުރީ ލޮލަށް ފެންނަ މީހާ އުޅުނީ އޭނާގެ އެ ދަނޑިގަނޑުގެ ބޭނުމުގައި ކަމަށެވެ. އެއީ ހަރުފައެއް ކަމަށް ބުނުމުން ވެސް ލޯފަން މީހާ ޤަބޫލެއް ނުކުރެއެވެ.
އޭގެ އަނެއްދުވަހުގެ ފަތިސް ވަގުތާ ޖެހެން ކައިރިވުމުން އެދެމީހުން އަނެއްކާވެސް ދަތުރު ކުރިއަށް ގެންގޮސް ހިނގަން ފެށިއެވެ. އިރުގެ ހޫނުކަން ލިބެން ފެށުމުން ހަރުފަގެގަނޑުވުން ވެސް ފިލަން ފަށައި، އޭތި ކުރިން އޮތް ގޮތަށް ވާސިލުވާން ފެށިއެވެ. އަދި ހަރުފަގެ ގަނޑުކަން ފިލައި ހަރަކާތް ކުރެވެން ފެށުމާއެކީ، ލޯފަން މީހާގެ އަތުގައި އޭތި ވިހަލިއެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ އަޤީދާވެސް ހުންނަނީ މިފަދައިންނެވެ. މާތް ﷲ ގެ އަމުރުފުޅުތައް އެނގިހުރެވެސް ގިނަ މީހުން އެކަންކަމަށް ސަމާލުކަމެއް ނުދެއެވެ. އަދި އެކަންކަމާމެދު އެހެންމީހަކު ހަނދުމަކޮށްދިނުމުން ވެސް، އެމީހަކު ދައްކާ ވާހަކަ އަޑުނާހާ، އެމީހަކާ ދޭތެރޭ ނުބައިކޮށް ދެކި، އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓޭ މީހުން މަދެއް ނޫނެވެ.




