ގާތް މީހަކާއެކީ ހަވީރު ގަޑީގައި ކެފޭއެއްގައި ސައިބޯން އިނީމެވެ. ކުއްލިއަކަށް ޖެހިގެން އިން މޭޒުގައި ތިބި ޒުވާން އުމުރުގެ ދެމީހުންގެ ތެރެއިން އެކަކު ވަރަށް މާޔޫސްކަމާ ހާސްކަމާއެކު ބާރު ބާރަށް މޭޒުމަތީގައި ޖަހާފައި ”އުޓުނީ އުޓުނީ… އަޅޭ.. އުޓިއްޖެ“ މިހެން ބުނެ ހަޅޭލަވައިގަތް އަޑު އިވިގެން އަހަރެންގެ ނަޒަރުވެސް އެދިމާލަށް ހުއްޓުނެވެ.
އެމީހުން ތިބީ ފޯނުން ގޭމެއް ފާޑު އެއްޗެއް ކުޅޭށެވެ. ގޭމެއް ކުޅެމުން އެހާ ބާރަށް ހަޅޭލަވައިގަތް އަޑު އިވުމުން އަހަންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބުނީ ދުވަހަކުވެސް މީގެ ކުރިން އަޑުއަހާފައިނުވާ ބަހެއް (އުޓުނީ) އިވުމުންނެވެ. އެހެންކަމުން އެމީހުން އެބުނި ބަހުގެ މާނައަކީ ކޮބައިތޯ އަހަންނާއެކު އިން މީހާ ގާތު ވަރަށް ޝައުޤުވެރިކަމާއެކީ އަހައިލީމެވެ.
”އަމްމްމް… އެބުނީ އޭގެން ދަށްވިއްޔޯ.. އެކައްޗެއް ވެސް ނުލިބުނިއްޔޯ“ އެބަހުގެ މާނަ ވަރަށް ދަތިހާލުން އޭނާއަށް ބުނެދޭން އެނގުނު ގޮތަކަށް ކިޔައިދިނެވެ.
އަހަންނަކީ ޠަބީޢީގޮތުން ވެސް އަލަށް ކަމެއް ފެނި، އިވިއްޖެނަމަ އެކަމެއް ވަރަށް ބޮޑަށް ދިރާސާކޮށް އަދި ތަޖުރިބާވެސް ކުރާހިތްވާ މީހަކަށްވާތީ، އެމީހުން އެކުޅޭ ގޭމަކާ އޭގައި އެވާ ގޮތަކާމެދު އިތުރަށް އަހާ އޮޅުން ފިލުވީމެވެ. އަހަރެން ގާތުގައި އިން މީހާ ބުނީ އެއީ އެއަށް ލާރި އަޅައިގެން އޮންލައިންކޮށް ކުޅޭ ގޭމުތަކެއް ކަމަށާއި ރަނގަޅަށް ކުޅެވިއްޖިއްޔާ އޭގެން ލާރިލިބޭނެ ކަމަށެވެ. ބުނެދެވޭނީ މިވަރަށް އެކަނި ކަމަށް ވެސް އޭނާ ބުންޏެވެ.
ދެންމަ ބުނި ފަދައިން، ކަންކަން ދިރާސާކޮށް ތަޖުރިބާވެސް ކުރާހިތްވާތީ (އެވަގުތު ލާރީގެ ދަހިވެތިކަން ހިތަށް ނުވަންކަމުގައި ވިޔަސް) އެބުނާ ގޭމަކުން އަރާ ފޯރިއެއް އެނގުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އަދި އޭނާ ކައިރިން އެއަށް ވަދެވޭ ގޮތް އޮޅުން ފިލުވައިގެން އަހަރެންވެސް އެމަޅީގައި ޖެހުނީމެވެ.
އެބުނާ ”ގޭމެއް“ ކުޅެވެނީ ފައިސާ އަޅައިގެން ކަމަށާއި އެންމެ މަދުވެގެން 50 ރުފިޔާ އަޅަން ޖެހޭނެކަމަށް ބުނުމުން އަހަރެން ނިންމީ ފުރަތަމަ އެވަރު އަޅާށެވެ.
ފުރަތަމަ ކުޅުނުއިރު ދިޔައީ ރަނގަޅަށެވެ. ވަކި ހިސާބަކަށް ކުޅެވުނުތަނުން މިއީ ކޮންމެހެން ގޭމެއް ކުޅޭހެން ކުޅެގެން މޮޅުވާ މޮޅުވުމެއް ނޫން ކަމަށާއި މިއީ ފައިސާ ދީގެން ”ބެޓުކޮށް“ އެފައިސާ ގިނަކޮށްގެން އޭތި ނެގުންކަން އަހަންނަށް ވިސްނެން ފެށިއެވެ. އަދި އެއީ މީހާގެ މޮޅުކަމަކުން ނުވަތަ މޮޅަށް ކުޅޭވޭތީ ލިބޭ ފައިސާތަކެއް ނޫން ކަމާއި އެކަން ގުޅި ލާމެހިފައިވަނީ ނަސީބާ ނުވަތަ އިއްތިފާގާ އެކަނިކަން ވެސް އަހަންނަށް ވެސް ވިސްނެން ފެށިއެވެ.
އެވަގުތު ރަނގަޅަށް ދިޔަނަމަވެސް އަހަރެން ނިންމީ އެފައިސާ ނުނަގާށެވެ. އަދި އެކަމާ ފަހުން އުޅޭނީއޭ ބުނެ ބެހެއްޓީމެވެ.
ކޮންމެހެނަކަސް މިވާހަކަ އަދި މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ގެއަށް އައިސް މަސައްކަތް ނިންމާލާފަ، އެރޭ އަނެއްކާވެސް ކުޅެން ފެށީމެވެ. ހަވީރު ގަޑީގައި ރަނގަޅަށް ކުޅެވުނީމަ، ދެންވެސް ރަނގަޅަށް ކުޅެލައި ގިނައިން ލިބިއްޖިއްޔާ އެ ފައިސާތައް މިފަހަރު ނަގާނީއޭ ހިތަށް އަރައި ދަހިވެތިކަން ބޮލަށް ވަދެގެން އަނެއްކާވެސް ކުޅެން ފެށީމެވެ. ކުރިން ލިބިފަ ހުރި ފައިސާކޮޅު ނުނަގާ ހުރީމަ އެފަހަރު އަމިއްލަ އެކަންއުންޓުން އެއަށް ފައިސާއެއް ނާޅަމެވެ.
ކަންދިމާކުރީ އުންމީދުކުރި ގޮތަކަށް ނޫނެވެ. މިފަހަރުގެ ނަސީބު ރަނގަޅެއް ނުވިއެވެ. ފައިސާކޮޅު ހުސްވަމުން ހުސްވަމުން ދެން އިތުރަށް ނާޅަނީސް ކުރިއަށް ދެވޭ ގޮތްވެސް ނުވިއެވެ. އެކަމަކު އެހިސާބުން އޭގެ ފޯރިވެސް ގަދަވިއެވެ. އެހެންކަމުން އަނެއްކާވެސް އެއަށް ފައިސާ އަޅައިގެން ކުޅެން ފެށީމެވެ. އަނެއްކާވެސް ދިޔައީ ފުލުންނެވެ. އަހަރެން އެޅި ފައިސާކޮޅާ އޭގެން ލިބުނު ފައިސާ ކޮޅުވެސް ހުސްވީއެވެ.
އަހަރެން މާޔޫސްވިއެވެ. ފައިސާތައް ހުސްވީމަ އެއްކަލަ ”އުޓުނީއޭ“ ބުނި މީހުން އެބުނި އެއްޗެއް ފުންކޮށް ވިސްނި އެނގުނެވެ. ގެއްލުނު އެއްޗެއް އަނބުރާ ނުލިބޭނެތީ ދެން އަވަހަށް ހެޔޮ ވިސްނިގެން އެއަށް އިތުރަށް ފައިސާ ނާޅާ، އެ ކުޅުން ވެސް ހުއްޓާލީމެވެ. އަމިއްލަ ނަފްސާމެދު ރުޅިއައިސް، ހިނިވެސް އައެވެ. އެހާ މޮޔަކަމެއް ކުރެވުނީތީއެވެ.
އޭގެ އަނެއް ދުވަހު އަހަރެންގެ ބޭބެއާއެކު ”ބެޓް ގޭމް“ ގެ ވާހަކަ ދައްކަން ފެށީމެވެ. އަހަރެންވެސް އެ ކުޅެފީމޭ ނުބުނެ، ބޭބެއަށް އެއާ ބެހޭގޮތުން އިތުރު އެއްޗެއް ބުނެވޭތޯ ބެލުމުގެ މަޤްސަދުގައެވެ.
”އާނ ތީވާ ކަމެއް މިހާރު. އަހަރެންގެ ވަރަށް ބައިވަރު ރައްޓެހިންވެސް އެބައުޅޭ ތިޔަ މަޅީގަ ޖެހިގެން، ބިކާރީވެގެން. އެހީއެއްވެދޭށޭ ވެސް ކިޔާ. އެމީހުން ބުނީ ޚަރަދުކުރަން ހުރި ލާރި އެއަށް އަޅައިގެން ކުޅުނީއޭ ގިނަ ލާރި ފަސޭހައިން ހޯދަން. އެކަމަކު މިހާރު ނެތޯ އެއްވެސް އެއްޗެއް“ ބޭބެ ކިޔައިދޭން ފެށިއެވެ.
”އަދި ނުލިބި އަޑިއަށް ދާން ފެށީމަ ވެސް ހުއްޓާލަން އެނގުނީކީ ނޫނޭ“ ބޭބެ އެހެން ބުނީމަ އަހަރެން ވެސް ކުޑަކޮށް ލަދުގަތެވެ. އަހަންނަށް ވެސް އެހެންވީމައެވެ. އެކަމަކު ބެޓު ކުރުމުން ލިބޭ ނަތީޖާ ވަރަށް ހިތިކަން ވަރަށް ބޮޑަށް އެނގެން ފެށިއެވެ.
އެހެންކަމުން ”ގޭމެއް“ ކުޅެންށޭ، ފަސޭހައިން ފައިސާ ހޯދަންށޭ ބުނެ މިފަދައިން ބެޓުކޮށްގެން، ފައިސާ ހޭދަކޮށްގެން މިފަދަ ކަންކަން ކުރާ މީހުންނަށް އަހަރެން ބުނެލާނީ، އަވަހަށް ތިކަން ކުރުން ހުއްޓާލާށޭއެވެ. ދަހިވެތިކަމުގައި ތިވެއްޓެނީ ބޮޑު އަނދަވަޅަކަށެވެ.



