ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ހައްޔަރު ކުރި އުމުރުން 65 އަހަރުގެ ސ. ހިތަދޫ ވެހެތާނުގެ ޢަބްދުﷲ ޞާދިޤު، 270 ގްރާމުގެ މަސްތުވާތަކެތި (ހެރޮއިން) އެތެރެކުރަން އުޅުނީ މައު ޓުކުރިތަކެއްގެ ތެރޭގައި ފޮރުވައިގެން ކަމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފިއެވެ.
މިތަކެއްޗާއެކު ޞާދިޤު ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު، ތައިލެންޑުން އެނބުރި ރާއްޖެ އައިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކުރުމަށްފަހު މިހާތަނަށް ހަތަރު ފަހަރު ބަންދުގެ މުއްދަތު ޖަހާފައިވެއެވެ.
ޞާދިޤުގެ ބަންދުގެ މުއްދަތުތައް:
• ސެޕްޓެމްބަރު 18 އިން އޮކްޓޯބަރު 3 އަށް 15 ދުވަހުގެ ބަންދު
• އޮކްޓޯބަރު 3 އިން އޮކްޓޯބަރު 23 އަށް 20 ދުވަހުގެ ބަންދު
• އޮކްޓޯބަރު 24 އިން ނޮވެމްބަރު 8 އަށް 15 ދުވަހުގެ ބަންދު
• ނޮވެމްބަރު 8 އިން ނޮވެމްބަރު 28 އަށް 20 ދުވަހުގެ ބަންދު
މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.




