މުޙައްމަދު ހިލްމީއަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ހަމަ ޔަގީނުންވެސް އައު ނަމަކަށް ނުވާނެއެވެ.
އޭނާއަކީ ނުވަ ދިހައިގެ އަހަރުތަކުގައި އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ބައެއް ފިލްމުތައް ކަމަށްވާ ”ހާލި“، ”ޗުއްޓީ“، ”އިހުސާސް“ އަދި ”އަޑުއިވުމުން“ މިފިލްމުތައް އުފައްދާފައިވާ ކުޅަދާނަ ފަންނާނެކެވެ. މިފިލްމުތަކުގެ ތެރެއިން ”އަޑުއިވުމުން“ މި ފިލްމަކީ ކުރު ފިލްމެކެވެ. އަދި އެއީ ހިލްމީ ޒަންޒިބާގައި އޮތް ފިލްމު ފެސްޓިވަލަކަށް ފޮނުވަން ވެގެން ތައްޔާރު ކުރި ފިލްމެކެވެ. ސަމަރުބްލޫ އިބްރާހިމް މަނިކުގެ ދައުރުގައި، އެއިރުގެ މުބާރާތަކަށް ފޮނުވަން 30 މިނެޓުގެ ފިލްމެއް ތައްޔާރު ކުރުމަށް ކުރި އިއުލާނާ ގުޅިގެން ހިލްމީ އެ މުބާރާތަށް ލިޔެ އުފެއްދީ ”އަޑުއިވުމުން“ ނެވެ. އެއްވެސް ޑައިލޮގަކާއި އަޑަކާވެސް ނުލައި އުފައްދާފައިވާ މި ފިލްމަކީ އޭގައި ލީޑް ރޯލު ކުޅެފައިވާ ކުޑަކުއްޖާއަށް އަޑު އިވެންދެން ހަމައެކަނި މަންޒަރުން މުޅި ފިލްމު ފުރާލާފައިވާ މޮޅު އުފެއްދުމެކެވެ.
ފިލްމީ ދާއިރާއިން ބްރޭކެއް ނެގުމަށްފަހު، ހިލްމީ އަނެއްކާވެސް މިވަނީ މިދާއިރާގައި މަސައްކަތް ކުރަން ފަށާފައެވެ. އަދި އޭނާގެ އިތުރު މޮޅު އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މިހާރު ހިލްމީ ވަނީ ތައްޔާރު ވެފައެވެ.
އެގޮތުން ހިލްމީ އުފައްދާ މިފިލްމުގެ ނަމާއި ކާސްޓުން މިދިޔަ ބުދަ ދުވަހު ވަނީ ހާމަކޮށްފައެވެ. އެކަމަށްޓަކައި ބައިސްކޯފުގައި އޮތް އިވެންޓެއްގައި ފިލްމުގެ ނަމާއި ކާސްޓުންގެ އިތުރުން އޭނާގެ މިމަސައްކަތުގައި ބައިވެރިކޮށްފައިވާ ބޭރުގެ ދެ ކްރޫއިންވެސް ހާމަކޮށްފައިވެއެވެ.
އެގޮތުން ހިލްމީ އުފައްދާ އައު ފިލްމަށް ކިޔަނީ ”ލަމްހާ“ އެވެ. ފިލްމުގެ ނަން ތަޢާރަފްކޮށްފައިވަނީ މިފިލްމުގައި ލީޑް އެކްޓަރުގެ ރޯލު (ލަމްހާގެ ރޯލު) ކުޅޭ އައިޝާ އަލީގެ ފަރި ހަރަކާތްތަކެއް ދައްކުވައިދޭ ކުރު ވީޑިއޯކްލިޕެއް ހިމަނައިގެންނެވެ. އޭގައި އައިޝާ ފެންނަނީ ވެސް އާންމުކޮށް މިހާތަނަށް އޭނާ ފެނިފައި ނުވާފަދަ ތަފާތު އަދި ހަމައެހެންމެ މީހުންގެ ނަޒަރު އޭނާއަށް ހުއްޓޭނެފަދަ ގޮތަކަށެވެ.
ފިލްމުގެ އިތުރު މެއިން ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހްމަދު ޝާރިފް އާއި ނުޒުހަތު ޝައައިބު އަދި އާނަންދު އެވެ. މި ތިން ތަރިންނަކީ ވެސް މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން ގުނާލެވޭ، އަދި ކުޅަދާނަ މޮޅު ތަރިންގެ ލިސްޓުގައި ހަމަޔަގީނުންވެސް ހިމެނޭ ތަރިންނެވެ.
”ލަމްހާ“ މިފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ހިލްމީގެ އިތުރުން ކޮށްފައިވަނީ ކާމިޔާބު އެތައް ފިލްމެއްގެ ސްކްރީންޕްލޭ ލިޔެދީފައިވާ މަހުދީ އަހުމަދުއެވެ.
ކުރިންވެސް ބުނި ފަދައިން މިފިލްމުގެ ކްރޫއިންގެ ތެރޭގައި ބޭރުގެ ދެ ރައްޔިތަކު ވެސް ހިމަނާފައިވެއެވެ. އެއީ ކެމެރާމަނަކަށް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވެންކަޓް އާއި މޭކަޕް އާޓިސްޓަކަށް ޝްރީލަންކާގެ ތަރިންދު އެވެ. މި ދެ ފަރާތަކީ ވެސް ޝްރީލަންކާގައި އެމީހުންގެ ދާއިރާއިން ކިޔަވައިގެން ތަޖުރިބާ ލިބިގެން އައިސްފައި ތިބި ދެމީހުންނެވެ.
”ލަމްހާ“ މިފިލްމާ ގުޅޭގޮތުން އަދި އިތުރު ތަފްސީލެއް ލިބިފައި ނުވި ނަމަވެސް، މިފަދަ ވަރުގަދަ ޓީމަކާއެކު މި ފިލްމު ވެގެންދާނީ ހަމަޔަގީނުންވެސް ހިލްމީގެ ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނާނެ ފިލްމެއް ކަމުގައި ގަބޫލުކުރެވެއެވެ.



