ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) 29 ވަނަ ސަމިޓުގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެނާޖީ އެންޑް އެންވަޔަރަމަންޓް ތޯރިގު އިބްރާހިމް އަޒެރްބައިޖާނަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކުވެސް ބޭއްވޭ ސަމިޓެކެވެ.
އެގޮތުން މިއަހަރުގެ ކޮޕް ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން ފެށިގެން 22 އަށް އަޒެރްބައިޖާންގެ ވެރި ރަށް ބަކޫގެ، ބަކޫ ސްޓޭޑިއަމްގައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގު މީގެކުރިން ވިދާޅުވެފައިވަނީ ކޮޕް 29 ސަމިޓު ވެގެންދާނީ ރާއްޖެއިން އިންތިޒާމުކުރާ އެންމެ ގިނަ ސައިޑު އިވެންޓުތައް ބާއްވާ ސަމިޓު ކަމުގައެވެ.
އެގޮތުން ރާއްޖެއިން އިންތިޒާމުކުރާ ސައިޑު އިވެންޓުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި ގުޅިގެން އިއާދަކުރަނިވި ހަކަތައާއި ގުޅޭ އިވެންޓަކާއި، ކޮޕްގެ އެޓޯލްސް ނޭޝަންގެ ޗެއާގެ ހައިސިއްޔަތުން ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭ އިވެންޓެއް ހިމެނެއެވެ.



