މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ސަރުކާރުން ހުޅުވާފައިވާ ”އޮޅު ހިޔާ“ ގެ ބުޅާތަކަށް ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
އެގޮތުން މާލެސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފެސިލިޓީގައި ގެންގުޅޭ ބުޅާތަކަށް ކާނާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރާ ކަމަށާއި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުން މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގައި އޮންނާނެ ކަމަށެވެ. އަދި އެ ގަޑީގެ ފަހުން މައުލޫމާތު ސާފުކުރަންދާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕާއި ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
ސަރުކާރުން ހުޅުމާލޭގައި ހެދި ބުޅާ ފެސިލިޓީ މިދިޔަ ހަފުތާގައި ހުޅުވި ނަމަވެސް އަދި އެ ތަނަށް ބުޅާތައް ގެންދާކަށް ނުފަށައެވެ.



