ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީޚުގައި އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭގައިވެސް އޮތީ މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައި ވެސް އިހުގައި އޮތް ފަދަ މުސްކުޅި، ބޯދާ ރަސްކަމުގެ ނިޒާމެކެވެ. އެ ނިޒާމަކީ ދިވެހީންގެ ސަގާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮތް، އެޒަމާނާ ނުހަނު އެކަށޭނެ ނިޒާމެއް ވެސް މެއެވެ.
ޒަމާންވީ ހަރުދަނާ ރަސްކަމުގެ ނިޒާމު ދޫކޮށްލާފައި 1953 ގައި ދިވެހިރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުކުރެވުނީ ދިވެހި ރައްޔިތުންގެ ނުރުހުމުގެ ސަބަބުން ނުވަތަ އިޖްތިމާއީ ހަލަބޮލިކަމެއްގެ ނަތީޖާއެއްގެ ގޮތުންނެއް ނޫނެވެ. އެއީ އޭރުގެ ސިޔާސީ ލީޑަރުންގެ ވިސްނުމާއި ރޭވުންތެރިކަމުގެ ދަށުން، މަޑުމަޑުން ގެންނަމުން އައި ބަދަލުތަކެއްގެ ނަތީޖާއެވެ. އެ ބަދަލު ގެނައުމުގައި ރަސްކަމުގެ ބާރުތަކާއި އުސޫލުތައް މަޑުމަޑުން ނިމުމަކަށް ގެނެވި، އެ ނިޒާމު އޭގެ ޒާތުގައި ނެތިދިޔުމަށް މަގުފަހިކުރެވުނެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އެޗް.ސީ.ޕީ. ބެލް، އޭނާގެ ’ދަ މޯލްޑިވް އައިލެންޑްސް: 1920‘ ފޮތުގައި ބަޔާންކުރައްވާފައިވެއެވެ: ”ވޭތުވެދިޔަ ގިނަ ޤަރުނުތަކުގައި، އަދި ލަފާކުރެވޭ ގޮތުގައި ރަސްކަމުގެ އެންމެ ކުރީކޮޅުގައި ވެސް، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ވެރިކަމުގެ ނިޒާމަކީ ވަރަށް މަތިވެރި ދަރަޖައަކަށް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ.“ ބެލް އިޝާރާތްކުރައްވާފައިވާ ދުސްތޫރީ ރަސްކަމުގެ ނިޒާމަކީ މިއަދު އަޅުގަނޑުމެން މިދެކޭ ފަދައިން ލިޔެވިފައިވާ ޤާނޫނުއަސާސީއެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ނޫނެވެ. އެހެންނަމަވެސް އެއީ ޒަމާންވީ އާދަކާދަތަކާއި އިޖްތިމާޢީ އެއްބަސްވުންތަކުގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެކެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔެފައި އޮތް ޤާނޫނުއަސާސީއެއް އެކުލަވާލައި ތަންފީޒުކުރަން ފެށީ މީގެ 92 އަހަރު ކުރިން، 22 ޑިސެންބަރު 1932 ގައެވެ. އެ ދުވަސްވަރު ރަސްކަމުގެ ތަޚުތުގައި އިންނެވީ ހުރާ ދަރިކޮޅުގެ 10 ވަނަ ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) އެވެ. ދިވެހިރާއްޖޭގައި ދިގު މުއްދަތެއް ވަންދެން ދެމިގެން އައި ހަރުދަނާ ރަސްކަމުގެ ނިޒާމު ނިމުމަކަށް އައުމުގެ ފެށުމަކީ 1932 ގެ ޤާނޫނުއަސާސީ ކަމުގައި ވެސް ބުނެވިދާނެއެވެ. އެ ޤާނޫނުއަސާސީއަކީ ވެސް ރައްޔިތުން ނިކުމެ އެބައިމީހުންގެ ޙައްޤުތަކަށް އެދި އުފެދުނު ހަލަބޮލިކަމެއްގެ ނަތީޖާއެއް ނޫނެވެ. އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި އެހެނިހެން ކަންކަމަކީ އޭރުގެ ދިވެހި މުޖުތަމައާ ނުހަނު ބީރަައްޓެހި ކަންކަމެވެ. އެ ޤާނޫނުއަސާސީ އެކުލަވާލެވުނީ އޭރުގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނާއި އޭރުގެ ސިޔާސީ ލީޑަރުންނާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

1932 ގައި ހިންގަންފެއްޓި ފުރަތަމަ ޤާނޫނުއަސާސީ މާގިނަ ދުވަހެއް ނުވެ ”ވީދާލެވި“ ނިމުމަކަށް އައީ ވެސް ހަމަ ރަދުންނާއި ބޮޑުންނާ ދެމެދު އުފެދުނު ޚިލާފުތަކަކާ ގުޅިގެންނެވެެ. އޭގެ ފަހުން ވެސް 1934 ގައި އާ ޤާނޫނުއަސާސީއެއް އެކުލަވާލެވުނެވެ. އެހެންނަމަވެސް ރަސްގެފާނާއި ސިޔާސީ ގޮތުން ގައުމުގެ ވެރިކަމުގައި ތިއްބެވި އަތިރީގޭ ބޮޑުންނާ ދެމެދު އޮތް ކިލަނބުކަން ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އަދި އޭގެ އާޚިރު ނަތީޖާއެއް ކަމުގައިވީ އިހުގެ ގޮތްމަތީން އެންމެ ފަހަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު ރަސްކަމުން އަޒުލުކުރެވި، އެރަދުންނާއި، ވަލީއަހުދު ޕްރިންސް ޙަސަން ޢިއްޒުއްދީން ފުވައްމުލަކަށް އަރުވާލުމެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަސްކަމުން އަޒުލުކުރެވުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، 1935 ގައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (2) ގެ ދަރިކަލުން، މާޖެހިގަނޑުވަރު މަނިއްޕުޅު، އައްސުލްޠާން ޙަސަން ނޫރައްދީން (2) ގެ ނަމުގައި ރަސްކަމަށް އިސްކުރެވުނެވެ. އެކަމަކު އެރަދުން ވީ އާރާއިބާރާއި، ހައިބަތުގެ ގެ ގޮތުން ނުހަނު ބަލިކަށި ރަސްކަލަކަށެވެ. މިރަދުންގެ ރަަސްކަމުގައި 1937 ވަނަ އަހަރު ލިޔެވި ތަސްދީގުކުރި ގާނޫނުއަސާސީގައި ރަސްކަލަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި އިހުގައި އޮތް ދޮންބަންޑާރައިންގެ ފިރިހެންމަތިފުށުން އައިސްފައިވާ ބޭފުޅަކަށް ވުމުގެ ޝަރުތު ވެސް އުނިކުރެވުނެވެ. އޭރު ވެރިކަމުގެ ފުރިހަމަ އާރާއި ބާރާއެކު ގައުމުގެ ސިޔާސީ ވެރިކަން ކުރަމުން ދިޔައީ އަތިރީގޭ ޚާންދާނުންނެވެ. ސިޔާސީ ގޮތުން އެންމެ އިސް ލީޑަރަކީ އަތިރީގޭ ޢަބްދުލްމަޖީދު ދީދީ (ރަންނަބަނޑޭރި ކިލެގެފާނު) އެވެ. އޭނާއަކީ ޤައުމުގެ މުސްތަޝާރުލްއަޢުޡަމެވެ. އޭނާއަށްފަހު އޭނާގެ ދެ ދަރިކަލުން ކަމުގައިވާ މުޙައްމަދު ފަރީދު ދީދީ އާއި ޙަސަން ފަރީދު ދީދީއެވެ. ދެން ޢަބްދުލްމަޖީދު ދީދީގެ ބޭބެ އަތިރީގޭ އަޙްމަދު ދީދީ (ދޮށިމޭނާ ކިލެގެފާނު) ގެ ދަރިކަލުން މުޙައްމަދު އަމީން ދީދީއެވެ.
1937 ގެ ގާނޫނުއަސާސީގެ ދަށުން، އައްސުލްޠާން ޙަސަން ނޫރައްދީން ދައުލަތުގެ ވެރިޔާގެ ރަމްޒީ މަގާމުގައި ހުންނަވައި، އަދި ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) މުޙައްމަދު ފަރީދު ދީދީ ސަރުކާރު ހިންގެވުމުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވައިގެން ވެރިކަން ހިނގަމުން އައިސް، 1942 ގައި އާ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނެވުނެވެ. މި އާ ގާނޫނުއަސާސީގެ ދަށުން ރަސްގެފާނާއި ބޮޑުވަޒީރަކީ އެއް ދަރަޖައެއްގެ ރަމްޒީ ދެ މަގާމަކަށް ބަދަލުވެ ސަރުކާރު ހިންގާ ވެރިޔަކީ ވަޒީރުއްދާޚިލިއްޔާ ކަމުގައި ހަމަޖެހިގެން ދިޔައެވެ. އޭރުގެ ވަޒީރުއްދާޚިލިއްޔާ އަކީ ޙަސަން ފަރީދު ދީދީއެވެ.

ދެން ފެނިގެންދިޔައީ 1943 ވަނަ އަހަރުގެ އޭޕްރީލް 8 ވަނަ ދުވަހު ރަދުންނާއި ބޮޑުވަޒީރު އެއްފަހަރާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރަސްކަމުގެ އެންމެހައި ކަންކަން ވަލީ ކޮމިޓީއަކުން ބަލަހައްޓަމުންދިޔަ މަންޒަރެވެ. މީގެ ފަހުން 12 އޭޕްރީލް 1943 ގައި ދިވެހިރާއްޖޭގައި އެހާތަނަށް ހިންގަމުން އައި ރަސްކަމުގެ އުސޫލުތައް އެއްކޮށް މުގުރާލައި އޭރު ރަސްކަންކުރަމުން އައި ރަސްމަތިފުށުގެ ޚާންދާނާ ގުޅުމެއް ނެތް ސިޔާސީ ލީޑަރެއް ކަމުގައިވާ އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހިރާއްޖޭގެ ރަސްގެފާނު ކަމަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ކުރިއެވެ. ނަމަވެސް 1952 ގައި އޭނާ އަވަހާރަވުމާ ހަމައަށް ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގެން ރަސްކަލެއްގެ ގޮތުގައި ރަސްކަމެއް ނުކުރައްވައެވެ. ހުންނެވީ އަލްމުންތަޚަބް ލިޢަރްޝިއް ދައުލަތިލް މަޙަލްދީބިއްޔާގެ ގޮތުގައެވެ.
ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރަސްކަމަށް އިންތިޚާބުކުރެވި، މަޤާމާ ހަވާލުވެވަޑައި ނުގަތުމުން އޭރު ރަސްކަލެއްގެ ބައެއް ވާޖިބުތައް އަދާކުރަމުން ދިޔައީ ކޮމެޓީއަކުންނެވެ. އަދި މީގެ އިތުރުން 1951 ގައި އާ ގާނޫނުއަސާސީއެއް ހިންގަންފެށި އޭގެ ދަށުން ސަރުކާރު ހިންގާ ވެރިޔަކީ ވަޒީރުއްދާޚިލިއްޔާކަމުގައި އޮތް އޮތުން ނިމުމަކަށް އައިސް އަލުން އެކަން ވަޒީރުލްއަޢުޡަމާ މަތިކުރެވުނެވެ. އޭރު ވަޒީރުއްދާޚިލިއްޔާ އަކީ ވެސް އަދި ވަޒީރުލްއަޢުޡަމަކީ ވެސް މުޙައްމަދު އަމީން ދީދީއެވެ. 1944 ގައި ޙަސަން ފަރީދު އަވަހާރަވުމަށްފަހު ސަރުކާރުގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ސިޔާސީ ލީޑަރަކީ މުޙައްމަދު އަމީން ދީދީއެވެ.
އޭގެ ފަހުން 20 އޮކްޓޯބަރު 1951 ގައި ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއްގައި ދިވެހިރާއްޖޭގެ ރަސްކަމަށް އިންތިޚާބުކުރެވިފައިވާ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ތަޚުތަށް އިސްވެވަޑައިގަންނަވަންދެން ރަސްކަލެއްގެ ޤާއިމްމަޤާމެއްގެ ގޮތުގައްޔާއި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު ކަމުގައި ވެވަޑައިގަތުމަށް މުޙައްމަދު އަމީން ދީދީއަށް ހުށައެޅުނެވެ. ނަމަވެސް ރަސްކަލެއްގެ ޤާއިމްމަޤާމެއްގެ ގޮތުގައި ރަސްކަލަކު އަދާކުރައްވާ ވަޒީފާ އަދާކުރައްވަން އޭނާ ބޭނުންފުޅެއް ނުވިއެވެ. އޭގެ ބަދަލުގައި ހަމައެކަނި ގައުމުގެ ވަލިއްޔުލްއަމްރު ކަމުގައި ހުންނަވަން އެއްބަސްވެވަޑައިގެންނެވިއެވެ. މިގޮތުން މަޖިލީހުގެ އިއްތިފާގުން އެ ދުވަހު ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުކަން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ހަވާލުކުރަން ފާސްވިއެވެ. އަދި އެއަށްފަހު އޭނާ އެމަގާމުގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގެންނެވިއެވެ
1952 ގައި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމާއެކު، ހުރިހާ ގޮތަކުން ވެސް ނުފޫޒާއި އާރާއި ބާރު ގަދަ ލީޑަރަކީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައި ވެގެން ދިޔައެވެ. އޭރު ތިއްބެވި ބޮޑުންނަށް ދިވެހިރާއްޖޭގެ ރަސްކަންކުރަން ވެސް އަދި ވެރިކަންކުރަން ވެސް މުޙައްމަދު އަމީން ދީދީ ނޫން ބޭފުޅަކު ފެނިވަޑައެއްނުގަތެވެ. މިއީ ދިވެހިރާއްޖޭގެ ބޯދާ، ޒަމާންވީ ހަރުދަނާ ރަސްކަމުގެ ނިޒާމް ގާތްގަނޑަކަށް އެކީއެކަށްހެން ވުޖޫދުން ނެތިދިޔުމުގެ ފެށުން ކަމުގައި ބުނެވިދާނެއެވެ.
1952 އޭޕްރީލް 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ”ދިވެހިރާއްޖޭގެ ވެރިކަން ހިންގާނެ އުޞޫލަކާ ބެހޭގޮތުން“ މަޝްވަރާކޮށް، އެކަން ނިންމުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް އެކުލަވާލެވުނެވެ. އަދި މުޙައްމަދު އަމީން ދީދީގެ އަމިއްލަ ގެކޮޅު ކަމުގައިވާ އަތިރީގޭގައި މި ކޮމިޓީގެ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު، ”ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ޒަރޫރަތްތެރިކަން މަޖުބޫރުކޮށްފި“ ކަމުގައި ނިންމުނެވެ. މި ބަދަލު ގެނައުމަށްޓަކައި މާލެއާއި، އެވަގުތު މާލޭގައި ތިބި ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގައި، އޭގެ ނަތީޖާއަށް ބިނާކޮށް އެކަން ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
އެއަށްފަހު، 1952 އޭޕްރީލް 14 އަދި 15 ވަނަ ދުވަހު މާލޭގެ ރައްޔިތުންނާއި މާލޭގައި އެވަގުތު ތިބި ރާއްޖެތެރޭގެ ރައްޔިތުންނަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވުނެވެ. މި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މުޙައްމަދު އަމީން ދީދީ ވާހަކަފުޅު ނިންމެވީ ”އެކި ގޮތްގޮތުން ކަންތައްތައް ދިމާވެފައިވާ ގޮތުންނާއި، ރައްޔިތުންގެ އެދުމުގެ މަތިން، ގައުމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަކީ މުހިންމު އަދި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފެންނަ“ ކަމަށް ވިދާޅުވެފައެވެ. ވާހަކަ ދެއްކެވި އެހެނިހެން އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އެއްގަމުގޭ އިބްރާހީމް ފާމުދޭރިކިލެގެފާނު، އުއްތަމަފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީން، ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ، އަދި ބަގީޗާގޭ އިބްރާހީމް ޝިހާބުވެސް ވާހަކަ ދެއްކެވީ ޖުމްހޫރިއްޔަތަކަށް ތާއީދުކުރައްވާ ގޮތަށެވެ.
ތާރީޚީގޮތުން ބަލާއިރު، ދިވެހި ރައްޔިތުންނަކީ އެމީހުންގެ ވެރިންނަށް ކިޔަމަންތެރިކަމާއެކު ތަބާވަމުން އައި ބައެކެވެ. ގައުމު ހިންގެވުމުގެ ޒިންމާ އުފުއްލަވާފައިވާ އިސްވެރިންނަށް އެންމެ އެކަށީގެންވާކަމަށް ފެނިވަޑައިގަންނަވާ ވެރިކަމުގެ ނިޒާމަށް ރައްޔިތުން އާންމުގޮތެއްގައި ތާއީދުކުރަމުން އައިސްފައިވެއެވެ. މިގޮތުން، 1952 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު، މާލޭގެ ރައްޔިތުންނާއި އެވަގުތު މާލޭގައި ހާޒިރުވެ ތިބި ރާއްޖެތެރޭގެ ރައްޔިތުންގެ މެދުގައި ނެގުނު އާންމު ވޯޓަކުން، ގާތްގަނޑަކަށް އިއްތިފާގުން ނިންމުނީ ދިވެހިރާއްޖޭގެ ޒަމާންވީ ރަސްކަމުގެ ނިޒާމު އުވާލައި، ޖުމްހޫރީ ވެރިކަމެއް ގާއިމުކުރުމަށެވެ. މި އާ ނިޒާމުގެ ދަށުން، އަތިރީގޭ މުޙައްމަދު އަމީން ދީދީ ގައުމުގެ ރައީސްކަމުގެ މަގާމަށް، އަދި ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކުރެވުނެވެ. އެވަގުތު ގައުމުގެ ހުންގާނާ ހަވާލުވެ ތިބި ނުފޫޒުގަދަ ލީޑަރުން ބޭނުންވީ ގޮތަށް ޖުމްހޫރިއްޔަތަކަށް ބަދަލުވީއެވެ. ރައްޔިތުން ތިބީ ހަމަ ”ވާނުވާގައެވެ.“
ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމި ނިންމުމުގައި، މާލޭގައި އެވަގުތު ހާޒިރުވެތިބި ބަޔަކު ފިޔަވައި އެހެން އެއްވެސް ރަށެއްގެ ރައްޔިތެއްގެ ޚިޔާލެއް ނުހޯދައެވެ. މިހާރު ގޮތަށް އޭރު ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު ދިރިއުޅެނީ ވެސް މާލެއަކު ނޫނެވެ. ނަމަވެސް އެކަމާ ބަޔަކު ޝަކުވާއެއް ނުކުރެއެވެ. އެފަދަ ވެރިކަމުގެ ނިޒާމަކާ މެދު ޝަކުވާކުރާނެ ހޭލުންތެރިކަމެއް އޭރު ދިވެހީންގެއެއް ނެތެވެ. އަދި، ކުރިން ފާހަގަކުރެވުނު ފަދައިން، ދިވެހިންނަކީ ޒަމާނުއްސުރެ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަމުން އައި ބައެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އުފެދިގެން އައީ މި އުސޫލުންނެވެ.

އެހެންނަމަވެސް، ޖުމްހޫރީ ވެރިކަމުގެ ނިޒާމް ފެށުމަށް ހޭދަވި މުއްދަތަށްވުރެ އެ ނިމުމަށް ހޭދަވި މުއްދަތު ކުރެވެ. 16 އޭޕްރީލް 1952 ގައި ނެގުނު ވޯޓަށް ފަހު 8 މަހާއި 14 ދުވަސް ފަހުން، 1 ޖެނުއަރީ 1953 ގައި އުފެދުނު ޖުމްހޫރީ ވެރިކަން، އޭގެ 7 މަހާއި 20 ދުވަސް ފަހުން، 21 އޮގަސްޓް 1953 ގައި ނިމުމަކަށް އައެވެ. މި ހާދިސާ ތާރީޚުގައި ރެކޯޑުކުރެވިފައިވަނީ، އެކަމުގައި ބައިވެރިވި ފަރާތްތަކުގެ ބަހުން ނަމަ، ’އިންގިލާބެއް‘ ގެ ގޮތުގައެވެ. އެ އިންގިލާބުގެ ވާހަކަ މީގެ ކުރިން އަޅުގަނޑު ވާނީ މި ނޫސް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. ވީމާ އެކަމުގެ އިތުރު ތަފްސީލަކަށް ނުދާނަމެވެ.
މުޙައްމަދު އަމީން ދީދީގެ ޖުމްހޫރީ ވެރިކަން ނިމުމަށް ފަހު 1953 އޮގަސްޓް 21 އިން 1954 މާޗު 6 އާ ހަމައަށް، ދިވެހިރާއްޖޭގެ ވެރިކަން ހިންގަވަމުން ގެންދެވީ އިންގިލާބީ ކޮމިޓީއެއްގެ ލަފާގެ ދަށުން އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީގެ އިސްވެ ތިއްބަވައިގެންނެވެ. މި މުއްދަތުގައި، ޖުމްހޫރީ ޤާނޫނުއަސާސީގެ ބަދަލުގައި، ރަސްކަމުގެ އުސޫލުތަކާ އެއްގޮތްވާ އާ ޤާނޫނުއަސާސީއެއް އެކުލަވާލެވި، 1954 ޖަނަވަރީ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނެވެ.
އޭގެ ފަހުން، 1954 ފެބްރުވަރީ 5 ގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި މާލޭގައި އާންމު ވޯޓެއް ނެގުނެވެ. މި ވޯޓުގެ ނަތީޖާއާ އެއްގޮތަށް، އަލުން ރަސްކަން ގާއިމުކުރެވުނެވެ. އަލުން ރަސްކަން ގާއިމުކުރެވުނުއިރު ދިވެހިރާއްޖޭ ސަގާފީ ގޮތަށް ރަސްކަލަކު ނެތި ވެރިކަމުގެ ކަންކަން ހިންގަމުން އަންނަތާ އޭރު 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެހެންކަމުން ރަސްކަމުގެ ނިޒާމު އޭރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެ 10 އަހަރު ތެރޭގައި ބޮޑެތިވެގެން އައި ޒުވާނުންނަށް ރަސްކަމުގެ ޝާނާއި ޝައުކަތު ފެނިފައެއް ނުވެއެވެ. ރަސްކަމުގެ ޝާނާ ޝައުކަތާއެކީ އޮތް އޮތުން ވަނީ ހަމައެކަނި މުސްކުޅީން ދަންނަ ވެރިކަމުގެ ނިޒާމަކަށްވެފައެވެ.
ކޮންމެއަކަސް 1954 ފެބްރުވަރީ 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، ދިވެހިރާއްޖޭގެ ތަޚުތަށް މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އިންތިޚާބުކުރިއެވެ. މިއީ ކުރިން ރަސްކަމަށް އިންތިޚާބުކުރެވިފައި ވަނިކޮށް ތަޚުތުގައި އިށީނދެވަޑައިނުގެން އަވަހާރަވީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުންނެވެ. ފިރިހެން މަތިފުށުން އޭރު އޮތް ރަސްކަމުގެ ޚާންދާނާ ނުގުޅުނަސް މުޙައްމަދު ފަރީދުގެ މަންމާފުޅަކީ ގޮމައެކެވެ. ރަސްދަރިކަނބަލެކެވެ. އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދަރިކަނބަލެކެވެ.

1954 މާޗު 7 ވަނަ ދުވަހު، އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ނަމުގައި ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމަށްފަހު، އާ ޤާނޫނުއަސާސީ ތަސްދީގުކުރެއްވިއެވެ. އަދި އަލަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން، 1954 މާޗު 11 ވަނަ ދުވަހު، ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ މަޤާމަށް އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނު ޢައްޔަންކުރެއްވިއެވެ.

އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި، އައްޑުއަތޮޅު ގަން އިނގިރޭސީންނަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ނަތީޖާއެއްގެ ގޮތުން، 1957 ވަނަ އަހަރުގެ ޑިސެންބަރު 11 ވަނަ ދުވަހު އެމަނިކުފާނު ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވިއެވެ. މީގެ ޖެހިގެން އައި ދުވަހު، އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް، ވެލާނާގޭ އިބްރާހީމް ނާޞިރު ބޮޑުވަޒީރުކަމަށް ޢައްޔަންކުރެއްވިއެވެ. އެހާތަނަށް ނާޞިރު ހުންނެވީ ސިފައިންގެ ވެރިޔާކަމާއި ވަޒީރުއްދާޚިލިއްޔާ ކަމުގެ މަގާމުގައެވެ. އައްޑޫ ގަން އިނގިރޭސީންނަށް ކުއްޔަށް ދޭން ނިންމި މައްސަލާގައި އިބްރާހީމް ފާމުދޭރި ކިލެގެފާނާ ދެކޮޅަށް ހަރަކާތްތެރިވި ’އިދިކޮޅު ޕާޓީ‘ (އޭރު ސިޔާސީ ޕާޓީތަކެއް ނެތް) ލީޑަރަކީ އިބްރާހީމް ނާސިރެވެ. އިބްރާހީމް ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ދުވަހަކީ ދިވެހިރާއްޖޭގެ ޒަމާންވީ ރަސްކަމުގެ ނިޒާމު އެއްކޮށް ނިމުމުގެ ފެށުން ކަމުގައި ބެލެވެއެވެ. އަދި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު ދިވެހިރާއްޖޭގެ ސިޔާސީ ގޮތުން އާރާއިބާރު އެންމެ ގަދަ، އެންމެ ނުފޫޒުގަދަ ބޭފުޅަކީ އިބްރާހީމް ނާސިރުކަމުގައި ވެގެންދިޔައެވެ.

އެ ދުވަސްވަރު ގާތުން ދެކެވަޑައިގެން ތަޖުރިބާކުރެއްވި އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވެއެވެ: ”…އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުން ދުވަސްކޮޅެއް ވުމަށްފަހު ރަދުންނާއި ވަޒީރުލްއަޢުޡަމާއި ދެމެދުގެ ގުޅުމަށް ކިލަނބުކަން ލިބެން ފަށައިފިއެވެ. ސަބަބަކީ ކީރިތި މަހާރަދުންނަށް ފެނިވަޑައިގަންނަވާ ގޮތާއި ބޮޑުވަޒީރަށް ފެނިވަޑައިގަންނަވާ ގޮތުގައި ހުރި ތަފާތުތަކެކެވެ. މިކަމުގައި އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ކިބައިން ފެންނަމުން ދިޔައީ އެރަދުން މަޞްލަޙަތަށް ދެއްވާ މުހިއްމުކަމުގެ ބޮޑުކަމެވެ. ކޮންމެއަކަސް ނޭނގިތިބި ބަޔަކަށް ނޭނގުނު ކަމުގައިވިޔަސް ރާއްޖޭގެ ރަސްކަލެއްގެ ގޮތުން އޭނާއަށް ލިބިވަޑައިގަތް ބާރު ބައެއް ޙައްޤަށް ދައުލަތް ހިންގާ ފަރާތުން ސަމާލުކަން ދިނުން އޮތީ ކުޑަވެފައެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކަށްވީ ދިވެހިރާއްޖޭގެ ރަސްކަން ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއަކަށް ބަދަލުކޮށްލުމުގެ އޮއިވަރު ހިނގައިގަތުމެވެ.“
އާދެ، އިބްރާހީމް ޝިހާބުގެ މި ވާހަކަ ކޮޅުން ދެވަނަ ފަހަރަށް ރަސްކަން އުވާލައި ޖުމްހޫރީ ނިޒާމެއް ގެންނަން މެދުވެރިވީ ސަބަބު ވަރަށް ޚުލާޞާކޮށް އެނގިގެން ހިނގައްޖެއެވެ. އާދެ، ދިވެހިރާއްޖެ ދެވަނަ ފަހަރަށް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރި ކުރުމަކީ، ކުރީ ފަހަރެކޭ ވެސް އެއްފަދައިން އޭރު ހުރި ވެރިޔަކު އެކަމަށް ބޭނުންވެގެން ކުރިކަމެކެވެ. ރައްޔިތުންނަށް ވެރިކަމުގެ ނިޒާމް ކަމުނުގޮސްގެން އެ ނިޒާމާ ދެކޮޅުވެގެން ގެނައި ބަދަލެއް ނޫނެވެ.
މުޙައްމަދު އަމީން ދީދީގެ ކުރު މުއްދަތުގެ ޖުމްހޫރިއްޔަތަށްފަހު، އަލުން ރަސްކަމެއް ޤާއިމުކުރެވުނުތާ 13 އަހަރު ފަހުން، 1967 ނޮވެންބަރު 15 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓެއް ނެގުނެވެ. މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވީ ޖުމްހޫރީ ނިޒާމަކަށް ބަދަލުކުރުމަށެވެ.
މި ނިންމުމާ ގުޅިގެން، ދިވެހިރާއްޖޭގައި ގާއިމުކުރަން އެންމެ އެކަށީގެންވަނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ ދެނެގަތުމަށްޓަކައި، 1968 މާޗު 15 ވަނަ ދުވަހު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުނެވެ. ވޯޓު ކަރުދާހުގައި ރަސްކަމުގެ ނިޝާނަކަށް ބޭނުންކުރީ ތަރިއެކެވެ. އަދި ޖުމްހޫރިއްޔަތުގެ ނިޝާނަކަށް ބޭނުންކުރީ ދިވެހި ރުކެކެވެ. ދިވެހިރުކަކީ ހުރިހާ ގޮތަކުން ވެސް ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ، އެ ގަހަކުން ދިވެހީންނަށް އެންމެ ބޮޑަށް ފައިދާކުރާ ގަހެވެ. މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ހޯދުމަށްޓަކައި ބޭނުންކުރި އުކުޅެކޭ ނުދަންނަވާނަމެވެ. ކޮންމެއަކަސް ޒަމާނުއްސުރެ ވެރިންނަށް ކިޔަމަންތެރި ދިވެހި ރައްޔިތުންގެ ތެރެއިން 93.34 އިންސައްތަ މީހުން ވޯޓު ދިނީ، އޭރު ދައުލަތް ހިންގެވުމުގައި އިސްކޮށް ހުންނެވި ވެރިޔާއާއި ގައުމުގެ ބޮޑުން ތާއީދުކުރެއްވި ޖުމްހޫރިއްޔަތަށެވެ.
ނިޒާމު ބަދަލުކުރުމުގެ ވޯޓަށްފަހު، 1968 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ސިއްރު ވޯޓުން، އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ހޮވިވަޑައިގަތެވެ. އޭގެފަހުން، ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު، އިބްރާހީމް ނާޞިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ޢައްޔަންކުރުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުނެވެ.
ރައްޔިތުންގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން، 1968 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވިއެވެ. އަދި އެ ދުވަހު، އަލަށް އެކުލަވާލެވުނު ޖުމްހޫރީ ގާނޫނުއަސާސީ ތަސްދީގުކުރެއްވިއެވެ. މިހިސާބުން، ދިވެހިންގެ ޒަމާންވީ ރަސްކަމުގެ ނިޒާމު އެއްކޮށް ނިމުމަކަށް އައިސް، ޖުމްހޫރީ ވެރިކަމުގެ ނިޒާމު އަލުން ތައާރަފުވެގެން ދިޔައެވެ.

11 ނޮވެންބަރު 1968 ގައި ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ނިޒާމު އަލުން ގާއިމުވެގެން ދިޔައިރު، 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ހިންގަންފެށުމާ ހަމައަށް އެ ނިޒާމު އޮތީ ވަރަށް ބޮޑަށް ރަސްކަމަކާ އެއްކަހަލަ ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ރަސްގެފާނުގެ މެންބަރުން ތިއްބަވާ އުސޫލުން ރައީސުލްޖުމުހޫރިއްޔާގެ މެންބަރުން ތިއްބެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންގެވުންތައް ހުރީ ރަސްކަލަކު އެރަސްކަލެއްގެ ’އަޅުތަކުންނަށް‘ އަންގާ އުސޫލުންނެވެ. ”އަހުރެން ބުނެ އަންގަމޭ“ ކިޔާފައެވެ. ހަގީގަތުގައި ރައްޔިތުންގެ ތެރެއިން، ރައްޔިތުންގެ ފަރާތުން، ވެރިކަން ހިންގަން، ރައްޔިތުން ހޮވައިނަގާ މީހަކު، ރައްޔިތުންނާ މުޚާތަބުކުރަންވާނީ ’އަޅުގަނޑު‘ ކިޔައިގެންނެވެ. އަދި މިހާރަކަށް އައިސް ރައީސުލްޖުމުހޫރިއްޔާގެ ޒާތް 2008 ކުރީގައި ނެތް ވަރަށް ’ޝާހީ‘ ކުރެވޭތަން ވެސް މި ފަހުން އެބަފެނެއެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާއަށް ނިސްބަތް ކުރެވޭ ހިނދު ’ބައްޕާފުޅު/މަންމާފުޅު/ބޭބޭފުޅު/ދައިތާފުޅު/ކޮއްކޯފުޅު“ ލިޔެކިޔައި އުޅޭތަން ފެނެއެވެ. ނަމަވެސް މިއީ ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު ވެސް އަދި ރައީސް މައުމޫނުގެ ދުވަސްވަރު ވެސް ބޭނުންކޮށްއުޅުނު ގޮތްތަކެއް ނޫނެވެ.
ދިވެހި ރައްޔިތުން ހައްގުތަކާއި ކަންކަން ބޭނުންވެގެން ނިކުމެ އަޑުއުފުލައިގެން ދިވެހިރާއްޖެއަށް ގެނެވުނު ހަގީގީ ބަދަލެއް ގެނެވުނީ 2008 ގެ ގާނޫނުއަސާސީންނެވެ. މީގެ ކުރިން ރައްޔިތުންނަށް ނުލިބޭ އެތައް ހައްގެއް ލިބުނީ އެ ގާނޫނުއަސާސީގެ ދަށުންނެވެ. ޖުމްހޫރީވެރިކަން ރައްޔިތުން ބައިވެރިވާ ހަގީގީ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔައީ ވެސް މިހާރުގެ ގާނޫނުއަސާސީގެ ދަށުންނެވެ. 1968 ގެ ނޮވެންބަރު 11 ވަނަ ދުވަހު ދިވެހިރާއްޖެއަށް ގެނެވުނު ޖުމްހޫރީ ނިޒާމަކީ އެއްގޮތަކަށް ވެސް ރައްޔިތުން ބޭނުންވެގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގެނެވުނު ނިޒާމެއް ނޫނެވެ. އެއީ އޭރުގެ ވެރިން ވެރިކަން ކުރަން ގެނައި ނިޒާމެކެވެ.




2 Comments
އަޅުގަނޑު ވަރަށް ބަލައިގަތް ލިޔުމެއް. ޙަޤީޤަތުގައި އަބަދުވެސް ކަންކަން މި ކުރަނީ ރައްޔިތުންނަށް ތަނެއް ދޮރެއް އެނގިގެނެއް ނުވަތަ ވޯޓެއް ލައި އަހައިގެނެއްނޫން. ވޯޓުވެސް ލައްވަނީ. ކަންކަން ބަދަލުކޮށްފައި ޤަބޫލުކަމަށް ބުނުވަނީ. އެ ޙާލަތުގައި މި ޤައުމު މިދަނީ ހުރިހާކަމެއްވެސް ގޯހުން ގޯހަށް ބަދަލުވަމުން ނުބައި މަގަކުން މަގު އޮޅި ވާވަންނަމުން. އިޤްތިޞާދު އިނދަޖެހި މުޅި ޤައުމު ބޭރަށް ވިކި ދޫވަމުން.
ފުރަތަމަ ފަހަރު ޖުމްހޫރިއްޔަތަކަށް ބަދަލުވީ ރައްޔިތުން އެދިގެންނޫން ކަމުގައި ވެދާނެއެވެ. ނަމަވެސް 1968 ގައި ބަދަލުވީ ވޯޓުން ކަމަށް ގަބޫލު އެބަކުރައްވަމުއެވެ. ވީމާ، މީހުންނަށް އޮޅުވާލެއްވުމަށް މަސައްކަތް ނުކުރައްވާށެވެ.
މިހާރު ވެރިކަންކުރާގޮތް (ޕާޓީ ނިޒާމަށް) ބަދަލުކޮށްގެން އުޅެނީ ރައްޔިތުންގެ ވޯޓެއް ނަގައިގެން ތޯއެވެ.