ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް އިން އަލަށް އުފައްދާފައިވާ ”ދޭދަރު ރުއިން“ މިމަހުގެ 20 ވަނަ ދުވަހު ޕްރިމިއަރ ކުރަން ތައްޔާރުވެފައި ވަނިކޮށް އެދުވަހު އޮލިމްޕަސް ހޯލު ލިބެން ނެތް ކަމަށް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން އަންގައިފިއެވެ.
މިކަމާ ގުޅިގެން އެ ޕްރޮޑަކްޝަން ހައުސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”ދޭދަރު ރުއިން“ ޕްރިމިއަރ ކުރުމުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައި ވަނިކޮށް، ޕްރިމިއަރ ކުރަން އޮތް ރޭ އޮލިމްޕަސް ލިބެން ނެތް ކަމަށް އެންސީއޭ އިން އެންގުމަކީ ދިވެހި ފިލްމު އިންޑަސްޓްރީއާމެދު އެ ސެންޓަރުން ވެފައިވާ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ އެދުވަހު ”ދޭދަރު ރުއިން“ ޕްރިމިއަރ ކުރަން އޮލިމްޕަސް ހޯލު ބުކް ކުރީ މީގެ އަހަރެއް ކުރިން ކަމަށާއި ޕްރިމިއަރ ކުރުމަށްފަހު އޮލިމްޕަހު ސްކްރީނުގައި ފިލްމު އަޅުވާފައި ހުންނަ ދުވަސްތަކަށް ދައްކަން ޖެހޭ ފައިސާ ވެސް މީގެ ހަތަރު މަސް ކުރިން ދެއްކި ކަމަށެވެ.
މީގެ އިތުރުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފިލްމު ޕްރިމިއަރ ކުރާނެ ކަމަށް އިޝްތިހާރުކޮށް ޕޯސްޓަރުތައް ވެސް ހަދައި ނިމިފައިވާއިރު، އެދުވަހު އޮލިމްޕަސް ލިބެން ނެތް ކަމަށް އެންސީއޭއިން އަންގާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އީމެއިލަކުން ކަމަށާއި އެއީ ސަރުކާރު ބަންދު ދުވަހެއްކަން ވެސް ކަޒްމިކް އިން ވަނީ ފާހަގަ ކޮށްފައެވެ.
ނަމަވެސް އެންސީއޭއާއެކު އެދުވަހު ވެސް ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަން ނާކާމިޔާބުވުމުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑް) އާވެސް ވާހަކަ ދައްކައި ހައްލެއް ގެނައުމަށް މަސައްކަތް ކުރިކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވީ އެކަމާ ޑެޕިއުޓީ މިނިސްޓަރާ ގުޅުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ކަޒްމިކް އިން ބުނީ އެންސީއޭގެ ފަރާތުން ހަރަކާތެއް ބޭއްވުމަށް ކުރިން އެ ސެންޓަރުން އޮލިމްޕަސް ބުކް ކުރީ މިމަހުގެ 17 އިން 19 އަށް ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ތާރީޚަށް ބަދަލު ގެނެސް މިހާރު ބާއްވަން ހަމަޖެއްސީ 18 އިން 20 އަށް ކަމަށްވާތީ ”ދޭދަރު ރުއިން“ ޕްރިމިއަރ ކުރަން އެދުވަސް ދެވެން ނެތް ކަމަށް އެންސީއޭ އިން އެންގީ ކަމަށް ވެސް ބުނެފައިވެއެވެ.
ކަޒްމިކް އިން ބުނީ ފިލްމު އިންޑަސްޓްރީގެ ބެލެނިވެރިފަރާތް ކަމުގައި އޮވެ، މިއީ އެންސީއޭއިން ވީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި ދިން ބޮޑު ގެއްލުމެއް ކަމަށެވެ.
މިހާރު ކަންތައް އޮތް ގޮތުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ”ދޭދަރު ރުއިން“ ޕްރިމިއަރ ކުރާނަންތޯ ”ސައުވީސް“ އިން ސުވާލު ކުރުމުން ކަޒްމިކް އިން ބުނީ ”އަދި އޮތީ ހަމަ އެގޮތަށް“ ކަމަށެވެ.



