މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި، އެ އެޕާޓްމަންޓު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތަރު އިންޗީގެ ވަޅިއެއް ފެނުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން ހުޅުމާލެ ސާވިސް ކްރައިމް އިންވެސްޓިގޭޝަންގެ، ސީރިއަސް އެންޑް ހައި އިމްޕެކްޓް ޔުނިޓުގެ ހެޑް، އިންސްޕެކްޓަރ އަލީ އިސްމާއިލް ވިދާޅުވީ އެ އެޕާޓްމަންޓަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ތަނެއްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެތަނަކީ މީގެ ކުރިންވެސް ފުލުހުން ބަލައިފާސްކޮށްފައި ހުރި ތަނެއް ކަމަށާއި އެ ސީންގައި ވެސް އެތަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ، ބޭނުން ކޮށްފައި ހުރިކަން ފާހަގަ ކުރެވިފައިވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެދަށުން އެތަން ބަލައި ފާސް ކުރި ކަމަށް އިންސްޕެކްޓަރ ވިދާޅުވިއެވެ.
އެގޮތުން އެ އެޕާޓްމަންޓު ބަލައިފާސް ކުރުމުގެ ތެރޭގައި، އެތަނަށް ވަންނައިރު ކަނާތްފަރާތުގައި ހުރި ކޮޓަރި ތެރެއިންނާއި ސިޓިންގް ރޫމް ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް އިންސްޕެކްޓަރ އަލީ އިސްމާއިލް ވިދާޅުވިއެވެ.
”އޭގެތެރޭގައި ހިމެނެނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ ޓައިގާ ބްރޭންޑުގެ އެއްޗެއް ހުރި 11 ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް. އަަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓުވެސް ފެނިފައިވޭ. މިތަކެތީގެ އިތުރުން އެތަނުގެ ކޮޓަރިއެއް ބަލައިފާސް ކުރުމުގެ ތެރެއިން އެ ކޮޓަރީގެ އެނދުމަތިން (ތިލައިގައި ހަތަރު އިންޗި ހުރި ކިވީ ބްރޭންޑުގެ) ވަޅިއަކާއި ތިން އިންޗި ކަޓަރު ތިލައެއް ފެނިފައިވޭ“ އިންސްޕެކްޓަރ އަލީ އިސްމާއިލް ވިދާޅުވިއެވެ.
މިހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ، ރަހީނުކޮށްފައި އިން މީހާ (ވިކްޓިމް) ރަހީނު ކޮށްފައިވަނީ ފައިސާއާ ގުޅޭ މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށާއި އޭނާ ސަލާމަތް ކުރަން ފުލުހުންނަށް ވަދެވުނީ އޭނާގެ އިނގިލި ބުރިކޮށްލަން އެމީހުން ތައްޔާރުވެފައި ވަނިކޮށް ކަމަށް ވިކްޓިމް ބުނި ކަމަށެވެ. އެއިރު އެމީހާގެ ބޮލުގެ އިސްތަށިތައް ބާލާފައި ހުރި ކަމަށާއި އިސްތަށިތައް ތަޅުންގަނޑުމަތީގައި ހުރި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރަހީނު ކޮށްފައި އިން މީހާ އިނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި އެމީހާގެ ފޯނުވެސް އެމީހުން އަތުލައިގަތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ހައްޔަރު ކުރި 12 މީހުންނަކީ
1. އަލްމާން އަލީ ޚާލިދު (22އ.) / ގދ. ވާދޫ ވެހި
2. މުހައްމަދު އިޒްކާން (18އ.) / މ. ހަތިކަނޑު
3. އިޒާން މުޙައްމަދު (18އ.) / ކ. ގުރައިދޫ
4. އަހުމަދު ޒާހިދު (36އ.) / ށ. ފޯކައިދޫ ދަންމަރު
5. އާދަމް ހުސެއިން (48އ.) / ލ. މާވަށް ޖަމީލާމަންޒިލު
6. އިބްރާހިމް ނަޝީދު (34އ.) / ލ. އިސްދޫ ހިޔަލީގުލްޝަން
7. އަހުމަދު ސަމީހު (22އ.) / ބ. ގޮއިދޫ ނައިޓް ސްޓާރ
8. އިސްމާއިލް ވިޝާމް މުޙައްމަދު (29އ.) / ވ. ގާމާ
9. ވިޝާމް މުޙައްމަދު (23އ.) / ގދ. ވާދޫ ޗިޗަންޑާގެ
10. ވިސާން މުޙައްމަދު (30އ.) / ހުޅުމާލެ ހިޔާ 14-17-03
1ް1. މުސްތާޤް ޝާކިރު (37އ.) / ގދ. ވާދޫ ޖަނަވަރީގެ
12. ހަސަން ގާލިބު (38އ.) / މ. ކޮޅުފުށި އާރެސް


