ރާއްޖޭގެ ޓިކްޓޮކް ތަރިންނަށް ބަލައިލާއިރު ޅ. ނައިފަރަށް ނިސްބަތްވާ ފާތިމަތު އަޒްލިފާ (އަޒޫ) އާއި އޭނަގެ ކޮއްކޮ އިއުފާ އަޙުމަދު އަރީފް އަކީ އެތައް ބަޔަކު ބަލައިގަނެ، އެތައް ބައެއްގެ ލޯބި ލިބިފައިވާ ދެ ތަރިންނެވެ.
އާންމުކޮށް އެހެން މީހުން ހަދާ ކޮންޓެންޓުތަކާ ޚިލާފަށް މި ދެތަރިން ހަދާ ކޮންޓެންޓުތަކަކީ ހެއްވާ މަޖާ، ނުވަތަ އޭގެން ކޮންމެވެސް ކަހަލަ މުހިންމު ރަނގަޅު މެސެޖުތަކެއް މުޖުތަމައުއަށް ފޯރުކޮށްދޭ ކޮންޓެންޓުތަކެކެވެ. އެހެންކަމުން މި ދެތަރިންނަށް އާންމުންގެ މެދުގައި ލިބުނު ތަރުހީބު ދުވަހުން ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ.
ނަމަވެސް ފަހަކަށް އައިސް އަޒޫގެ ޓިކްޓޮކްތަކުން މުޅިންވެސް ފެންނަނީ އޭނާ އެކަންޏެވެ. ރަނގަޅު މެސެޖުތައް ދިނުމުގައާއި ފޭނުން ހިތްހަމަޖެހޭފަދަ ކޮންޓެންޓުތައް އަޒޫ ގެނެސްދިން ކަމުގައިވިޔަސް، އޭނާއާއެކު މިހާރު އިއުފާ ނެތުމުން ފޭނުން ވަނީ އެ ސުވާލު އަޒޫއާއި ކުރިމަތި ކޮށްފައެވެ.
އެސުވާލުތަކަށް އިއްޔެ ޓިކްޓޮކްގައި އަޒޫ ޖަވާބު ދީފައިވާއިރު، އެއީ ބައެއްގެ ނުބައި އަމަލެއްގެ ސަބަބުންވީ ކަމެއްކަން ރަނގަޅަށް ސާފުވެއެވެ.
އަޒޫ ބުނީ މިދިޔަ އަހަރު ކޮންމެވެސް ބަޔަކު އަޒޫގެ ފޮޓޯތަކެއް ލާފައި ޓެލެގްރާމުގައި ލިންކެއް ހިއްސާ ކުރި ކަމަށެވެ. އަދި އެ ލިންކަށް ފައިސާ ދެއްކުމުން، އެކްސްކްލޫސިވް ވީޑިއޯ ފެންނާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އަޒޫ ބުންޏެވެ. އަޒޫގެ އެފަދަ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް އެއްވެސް ތަނަކު ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. ނަމަވެސް އޭނާއަކީ މީހުން ދަންނަ މޫނަކަށް މިހާރުވުމުން، ބައެއް މީހުން އެ ލިންކަށް ފައިސާ ދައްކައިގެން އެ ބެލިކަމަށް އަޒޫ ބުންޏެވެ. އަދި އޭގެ ބައެއް ސްކްރީންޝޮޓް އަޒޫއަށް ވެސް އޭނާގެ ބައެއް ރަށްޓެހިން ފޮނުވި ކަމަށް ވެސް ބުންޏެވެ.
އޭގެން އެއީ އަޒޫ ނޫންކަން ސާފުކޮށް އެނގެން ހުރިއިރުއާއި، އަންހެން ކުއްޖާގެ މޫނުވެސް ފެންނަން ނެތްއިރު ބައެއް މީހުން އެއީ އަޒޫތޯ އަހައި މީސްމީޑިއާގައި ފުރައްސާރަ ކުރަމުން ދިޔުމުން ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރި ކަމަށް އަޒޫ ބުންޏެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށާއި ފުލުހުން މި މައްސަލަ ބަލަމުންދާކަމަށް ވެސް އަޒޫ ބުންޏެވެ. ނަމަވެސް މިފަދަ ކަމެއް ކުރިމަތިވީތީ ދެން ކޮންޓެންޓު ނުހެދުމަށާއި އޭގައި ބައިވެރި ނުވާން އަޒޫގެ ކޮއްކޮ އިއުފާ ނިންމި ކަމަށް އަޒޫ ބުންޏެވެ. އަޒޫ ބުނީ އޭނާގެ ކޮއްކޮގެ އެނިންމުމަށް އޭނާ އިހުތިރާމު ކުރާ ކަމަށާއި އޭނާއާއެކު ކޮންޓެންޓު ހަދަން އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށެވެ.




