އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ހަސަން ސުހެއިލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވެފައި ވަނީ އާރްޓީ ނަގަރްގެ ހޮޓަލެއްގައި މިދިޔަ ބުދަ ދުވަހު ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
އެގޮތުން އެދުވަހު ސުހެއިލް ކޮޓަރިން ނުނިކުތުމުންނާއި، ކާއެއްޗަކަށް ވެސް އޯޑަރު ނުކުރުމުން، ހޮޓަލުގެ މުވައްޒަފުން އޭނާއާ ގުޅޭތޯ ބެލިކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ނަމަވެސް ސުހެއިލުއާ ގުޅޭގޮތް ވެސް ނުވުމުން، އާރްޓީ ނަގަރްގެ ފުލުހުންނަށް އެކަން އެންގުމުން، ފުލުހުން ގޮސް އޭނާ ހުރި ކޮޓަރީގެ ދޮރު ވައްޓާލިއިރު އޭނާ އޮތީ މަރުވެފައިކަން އެނގިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އޭނާ މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސުހެއިލް ބެންގަލޫރަށް ގޮސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އޭނާ މަޑުކުރީ އާރްޓީ ނަގަރްގެ ކަނަކާ ކްރިޝްނާ ކޮމްފޯޓްސް ގައި ކަމަށް އިންޑިއާ ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއް ކަމަށް ހޮޓަލުގެ މުވައްޒަފުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ސުހެއިލް ވަނީ ބެންގަލޫރުން ބޯޕާލަށް މިމަހުގެ 11 ވަނަ ދުވަހު ދަތުރު ކުރުމަށް ފްލައިޓެއް ބުކް ކޮށްފައެވެ. ނަމަވެސް އޭނާ އެ ފްލައިޓަށް އަރާފައެއް ނުވެއެވެ. އަދި ބޯޕާލްއިން ރާއްޖެއަށް މިއަދު އެނބުރި އައުމަށް ވެސް ފްލައިޓެއް ބުކްކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ބެންގަލޫރުން ބޯޕާލަށް ދާން އޮތް ފްލައިޓަށް ސެހއިލް ނޭރީ ކީއްވެކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނުއިރު، އޭނާ ހުރި ކޮޓަރީގެ ފާޚާނާ ދޮރުމައްޗަށް އޭނާއަށް ހޮޑުލެވިފައި ހުރިކަމަށާއި ސުހެއިލް މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި ލޭ މަދުވެ، ފެންމަދުވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



