ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، މުޙައްމަދު މުޞްޠަފާއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށާއި ފަލަސްޠީނުގެ ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.
”ފަލަސްޠީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މިންނެތް މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނޭކަމާއި ފަލަސްޠީނުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަޤީންކަން އަރުވަން“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއާއި ފަލަސްތީނާ ދެމެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުން ގެންދާނޭކަމުގެ ޔަޤީންކަންވެސް ޚާރިޖީ ވަޒީރު އަރުއްވާފައިވެއެވެ.




