ބައިސްކޯފުގައި މިފަހަކަށް އައިސް އެންމެ ވިދާލި އެއް ސީރީޒަކީ އާރް.ޓޫ.ޒެޑް އިން ޕްރޮޑިއުސް ކޮށްފައިވާ ސީރީޒް ”ޔާރާ“ އެވެ.
ގިނަ މީހުންނަށް ”ޔާރާ“ އެންމެ ހަތަރު އެޕިސޯޑުގެ ސިފައިގައި ފެނުނަސް، ހަގީގަތުގައި މިއީ ވަރަށް ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތެވެ. އެގޮތުން މި ސީރީޒްގެ އެންމެ ބުރަ މަސައްކަތް ކޮށްފައިވަނީ ޑައިރެކްޓަރު އައިޝަތު ރިޝްމީ އާއި މި ސީރީޒް ލިޔުނު އަހްމަދު އިޤްބާލް (އައިކިޔު) އެވެ.
”ޔާރާ“ އާންމުންނަށް ފެންނަން ފަށާފައިވަނީ މިދިޔަ އަހަރު އެވެ. ހަތަރު ސީޒަނަކަށް ބެހިގެން ދިޔަ މިސީރީޒްގެ އެންމެ ފަހު އެޕިސޯޑު ރޭގައި ބައިސްކޯފުން ވަނީ ދައްކާލާފައެވެ. ނަމަވެސް ހަގީގަތުގައި ”ޔާރާ“ ގެ މަސައްކަތް ފެށިފައިވަނީ ކޮންއިރަކުކަން އެނގޭހެއްޔެވެ؟
މި ސީރީޒަކީ 2017 ވަނަ އަހަރު އައިކިޔު ލިޔަން ފެށި ސީރީޒެކެވެ. އަދި ސީރީޒްގެ ޝޫޓިންގް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. ސީރީޒްގެ ޝޫޓިންގާއި ޑަބިންގްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުއެވެ. މިހާ ގިނަ ތާރީޚުތަކެއް ދިނުމުން، މި ސީރީޒް ނިންމަން އެހާ ގިނަ ދުވަސްތަކެއްވީ ”ޔާރާ“ އުފެއްދި ފަރާތްތަކުގެ ”ތަތްކަމުންނޭ“ ހިތަށް އަރާފާނެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. މިއީ ނުހަނު މުހިންމު އަދި އެހާމެ ބޮޑު ޕްރޮޖެކްޓަކަށްވުމުން، މީގެ މަސައްކަތް އެންމެ ފުރިހަމަކޮށް ނިންމާލަން އެފަރާތްތަކުން ބޭނުންވީއެވެ. އެންމެ ކުދިކުދި ކަންތައްތަކަށް ވެސް ބަލައި، އެއްޗަކަށް އެއްޗެއް ހެދުމުގެ ވިސްނުން ދޫކޮށްލައި މިއީ އެންމެ ފުރިހަމަ އުފެއްދުމެއް ކަމުގައި ހަދަން ބޭނުންވީއެވެ. އަދި މިހާރު މި ސީރީޒް ނިމިފައިވާއިރު އެމަޤްސަދު ވަރަށް ބޮޑަށް ހާސިލު ކޮށްފައިވާކަން ފާހަގަވެއެވެ.

”ޔާރާ“ ސީރީޒްއާ ގުޅޭގޮތުން ”ސައުވީސް“ އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޑައިރެކްޓަރު އަދި ކުޅަދާނަ އެކްޓަރު ރިޝްމީ ބުނީ ސީރީޒް ފެށިއިރު އެންމެ ބޮޑަށް ވިސްނި އެއްކަމަކީ މި ސީރީޒް މެދުވެރިކޮށް ދޭން ބޭނުންވި މެސެޖު ބެލުންތެރިންނަށް ދެވިދާނެކަމާމެދު ކަމަށެވެ. އެގޮތުން ”ޔާރާ“ ފެށިއިރު މިއީ ހަމަ އާދައިގެ ސީރީޒެކޭ، އެހެން އުފެއްދުންތަކުން ފެންނާނެފަދަ އާދަޔާ ޚިލާފު ޓްވިސްޓުތަކެއް މީގެން ނުފެނެއޭ ބެލުންތެރިންނަށް ހީވެދާނެ ކަމަށް ރިޝްމީ ބުންޏެވެ. ނަމަވެސް ސީރީޒްއިން ދޭން ބޭނުންވި މެސެޖު ވަރަށް ރަނގަޅަށް ދެވުނުކަން، ”ޔާރާ“ ނިމެން ކައިރިވިއިރު ލިބެމުންދިޔަ ފީޑްބެކްތަކުން ސާބިތުވެގެން ދިޔަ ކަމަށް ވެސް ރިޝްމީ ބުންޏެވެ.
”އަސްލު މީގެން މިދައްކުވައިދެނީ ހަމަ އާންމު ދިރިއުޅުމުގައި ވެސް ކުރިމަތިވާ ކަންތައްތަކެއް. އެހެންވެ ހިތަށް އެރި މިއީ ރިލޭޝަންޝިޕްއަށް ބޭސްކޮށްފަ އިން އެއްޗެއްވީމަ، މީހުންނަށް ހީވެދާނެއީ މިއަކު ނެތެއްނޫންހޭ މާބޮޑު ކަންތައްގަނޑެއް. އެކިކަހަލަ ޓްވިސްޓުތަކެއް ވެސް މީގަ ނުހިމެނޭނެ. އެހެންވެ އިޤްބާލްއާ ދެމީހުން ވެސް ހިތަށް އެރި މީހުން ހީކޮށްފާނެޔޭ މިއީ ހަމަ އާދައިގެ އެއްޗެކޭ، މާބޮޑު ކަމެއް ނެތޭ. އެކަމަކު ބަލާ މީހުންގެ ފަރާތުން ލިބުނު ކޮމެންޓުތަކުން އެނގުނު އަހަރުމެން ދައްކުވައިދޭން ބޭނުންވި ކަންތައްތައް ދައްކުވައިދެވުންކަން. ބެލުންތެރިންނަށް ވިސްނިއްޖެކަން އަހަރުމެން ދައްކައިދޭން ބޭނުންވި ކަންކަން. އެހެންވެ އެކަމާ ވަރަށް އުފާވޭ“ ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނިގޮތުގައި ”ޔާރާ“ މި ސީރީޒުން ދައްކުވައި ދީފައިވާނީ ”ރިލޭޝަންޝިޕް“ އެއްގައި ދިމާވެދާނެ ކާންތައްތަކާއި އެކަމާ އަމަލު ކުރެވިދާނެ ގޮތްތަކެވެ. އެކަކު އަނެކަކުގެ މިޒާޖާއި އިހުސާސްތައް ދެނެގަތުމާއި، ކޮންމެ ގުޅުމެއްގައި ވެސް ރަނގަޅަށް މުއާމަލާތު ކުރުމުގެ މުހިންމުކަމާއި، އިތުބާރު ކުރުމަކީ މުހިންމެ ކަމެއް ކަމާއި، މައްސަލައެއް ޖެހުނަސް ދޫކޮށްލާފަ ދިޔުމަކީ ހައްލެއް ނޫންކަމާއި އަދި އެކަކު އަނެކަކުގެ ފައިދާ އެއްވެސް ގޮތަކަށް ނުނެގުމެވެ.
”ޔާރާ“ އަކީ މިހާތަނަށް އެންމެ ގިނަ ފަންނާނުންނެއް ހިމަނައިގެން އުފައްދާފައިވާ ސީރީޒެއްކަން ފާހަގަވެއެވެ. ބޮޑު ކާސްޓަކާއެކީގައި ގެނެސްދިން މި ސީރީޒްގައި ހަރަކާތްތެރިވީ އެކްޓަރުންގެ ފަރާތުން ރިޝްމީ ބޭނުންވިވަރަށްވުރެ ވެސް ބޮޑަށް، އަދި އެހާމެ ފުރިހަމަކޮށް އެކްޓިންގް ފެނިފައިވާކަން ރިޝްމީ އުފަލާއެކު ފާހަގަ ކުރިއެވެ.
”އަސްލުގަ މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް. އެހާ ބުރަކޮށް ދިޔައީވެސް. އެކްޓަރުންވެސް ފުރިހަމަ އެއްބާރުލުމެއްދީ، ވަރަށް ފުރިހަމައަށް ހުށަހަޅާދީފަވޭ. ޔާރާ ޝޫޓް ކުރިއިރު އެކި އެޕިސޯޑުގެ އެކި މަންޒަރުތައް (ލޮކޭޝަންގެ ގޮތުންނާ ވެސް އެކީ) އެއްދުވަހެއްގެ ތެރޭގައި ނަގާފަ ހުންނާނެ. ހަމަ އެއް ދުވަހެއްގެ ތެރޭގައި ވަރަށް ބައިވަރު މަންޒަރު ވެސް ނަގާފަ ހުންނާނީ. އެކްޓަރުން އެ މަންޒަރަކަށް ބައެއް ފަހަރު ރަނގަޅަށް ތައްޔާރުވާން ވެސް އެހާ ވަގުތު ނުލިބި ހުންނާނެ ނަގާފަ. އެކަމަކު ވެސް ހުރިހާ އެކްޓަރުންވެސް ހަމަ ވަރަށް ފުރިހަމައަށް އެމީހެއްގެ ކެރެކްޓަރ ޑެލިވަރ ކޮށްދީފަ ހުރީ. ބައެއް ފަހަރު އެމީހުން އަމިއްލަ ގޮތްތަކެއް ނުވަތަ ޑަޔަލޮގުތަކެއް ވެސް ހިމަނާފަ ހުންނާނެ ރިޝްމީމެން އެމަންޒަރެއްގަ ވާންވީގޮތް ކިޔާދިނީމަ. އޭގެން ދައްކުވައިދެނީ އަސްލުގަ ކޮންމެ އެކްޓަރަކަށް ވެސް އެމީހެއްގެ ކެރެކްޓަރ ރަނގަޅަށް ވިސްނިފަ ހުރިކަން. ވަރަށް ހިތްހަމަޖެހޭ އަދި ފަޚުރުވެރިވޭ މިއަށް ނެގުނު ހުރިހާ އެކްޓަރުންނާ ދޭތެރޭ ވެސް“ ޔާރާގައި ހަރަކާތްތެރިވި އެކްޓަރުންނަށް ތައުރީފު ކުރަމުން ރިޝްމީ ބުންޏެވެ.
މި ސީރީޒްގައި ހަރަކާތްތެރިވެފައިވާ މުހިންމު އެކްޓަރުންނަކީ ރިޝްމީގެ އިތުރުން އަހްމަދު އަޒްމީލް (އަޒޭ)، މަރިޔަމް އައްޒަ، މުޙައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާ އާދަމް، މަރިޔަމް ވަހީދާ (ޔަމް)، ހުސެއިން ޝަދްޔާން (ސޭންޑީ) އަދި އިސްމާއިލް ޖުމާހް (ޖުމާ) އެވެ. މި ތަރިންގެ އިތުރުން މުޅި ސީރީޒްގައި ވަރަށް މުހިންމު ރޯލުތަކަކުން ފެނިފައިވަނީ ޢަލީ ސީޒަން، ޝަރަފް ޢަބްދުﷲ، އައިމިނަތު ރިޝްފާ (ބަބްލްސް)، ނުޒުހަތު ޝުއައިބު (ނުޒޫ)، އަހްމަދު ޝާރިފް، ލަމްހާ ލަތީފް (ލަމް)، ނަތާޝާ ޖަލީލް (ނަތާ)، ޝަހާ އަދުނާން، މައިހާ، ސިލްނާ، މަލީހާ ވަހީދު (މަލް) ޒުލެއިޚާ މަނިކެ، މަރިޔަމް ހަލީމް، އަބާން ނާޒިމް، އަހްމަދު އިޝާރް، އައިޝާ، އައިޝާ އަލީ، އާސިމް އަދި ޝާއިފް އެވެ.



