ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވި ބޭރުގެ ބޯޓެއް ޑްރޯން މެދުވެރިކޮށް އެމްއެންޑީއެފްއިން ހޯދައިފިއެވެ.
އެމްއެންޑީއެފް އިން މިކަމާ ގުޅޭގޮތުން މިއަދު ވިދާޅުވީ، އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފައި ކަމަށެވެ.
އަދި ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ މާޗް މަހު އެވެ. ތުރުކީ ސަރުކާރުން ދިން ވަރަށް ބޮޑު ލުޔަކާ އެކު، ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ވަނީ ތިން ޑްރޯން ގެނެސްފަ އެވެ. މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.




