ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރިފައިވާއިރު މި ފާއިތުވީ 52 ހަފްތާ ތެރޭގައި މަސްވެރިކަމުގެ ސިނާޢަތަށް ވެސް ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ މުހިންމު އެއްކަމަކީ މަސްވެރިކަމުގެ ވުޒާރާއިން ޙާއްސަކަމެއް ދީގެން އުފެއްދި މަސްވެރި ކޮލެޖުގައި، ގާނޫނުން ލާޒިމު ކޮށްފައިވާ މަސައްކަތް އަވަހަށް ނިންމުމެވެ.
މަސްވެރިކަމާއި ގުޅުން ހުރި ތަޢުލީމާއި ތަމްރީނު ނިޒާމީ ގޮތެއްގައި ދިނުމަށް އުފައްދާފައިވާ މި ކޮލެޖަކީ މީގެ ކުރިން ރާއްޖޭގެ ތާރީޚުގައި އުފެދިފައިވާ ކޮލެޖެއް ނޫނެވެ.
އެގޮތުން ރައީސް މުޢިއްޒުގެ މި ވެރިކަމުގެ އެއް އަހަރު ދުވަހުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެ ޔުނިވާސީޓީގައި ”މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް“ ގެ ނަމުގައި މިހާރު ވަނީ ކޮލެޖެއް އުފައްދައިފައެވެ. އަދި މި ކޮލެޖަކީ ދެމެހެއްޓެނިވި ގޮތަށް ނިޒާމެއްގެ ތެރެއިން ހިނގާނެ ކޮލެޖެއް ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަށުން މަސްވެރި ކޮލެޖް ހިންގުމުގެ މަޝްވަރާ ފަށާފައިވަނީ 29 ނޮވެމްބަރު 2023 ވަނަ ދުވަހުގައެވެ. އަދި ފިޝަރީޒް ކޮލެޖް ގާއިމް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާ ދެމެދު ފަހުމުނާމާގައި ސޮއިކުރެވިގެން ދިޔައީ 27 ޑިސެމްބަރު 2023 ވަނަ ދުވަހުއެވެ. މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ.
މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އުފައްދާ މަސްވެރި ސިނާއަތާ ގުޅުންހުރި ކޯސްތައް ހިންގުމަށް ފަށާފައިވަނީ 1 ސެޕްޓެމްބަރު 2024 ގައެވެ. އޭގެ ތެރޭގައި ބެޗެލަރ އޮފް މެރިން ސައިންސް ކޯހާއި ސްޕޯޓސް ފިޝިންއާއި މަސް ޕްރޮސެސްކުރަން ދަސްކޮށްދޭ ކޯހެއްވެސް ހިމެނެއެވެ.



