ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރިފައިވާއިރު މި މުއްދަތުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދިޔަ ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ %100 ނިމިފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ހާމަކޮށްފައެވެ.
ގުޅީފަޅުގެ ބިންނުހިއްކި ގިނަ ދުވަސްވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. ޚާއްސަކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބިން ލިބިފައިވާ ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރިއެވެ.
ނަމަވެސް މި ސަރުކާރަށް އެއް އަހަރު ފުރުމުގެ ކުރިން ގުޅީފަޅުން ބިންހިއްކުމުގެ މަޝްރޫޢު މިހާރު މިވަނީ ނިންމާލައިފައެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ޖުމްލަ 174 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2020 ވަނަ އަހަރުގެ މާރިޗު މަހު 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 132 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ނިންމާލާފައެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން ގުޅީފަޅުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފަރާތުން މިވަނީ ނިންމާލައިފައެވެ.
ގުޅީފަޅުން ބިންހިއްކައި އެތަނުން ރައްޔިތުންނަށް ބިން ދިނުމަކީ، ތޮއްޖެހިފައިވާ މާލޭގެ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސް ދިނުމަށް ފަށާފައިވާ ބޮޑު ބިޔަ މަޝްރޫޢުއެކެވެ. ކުރީ ސަރުކާރުން އިސްނަގައިގެން ފެށި މި މަސައްކަތް މި ސަރުކާރުން މިވަނީ ނިންމާލައިފައެވެ.




